ސައްތަ އިންސައްތަ ދިވެހި ޕާފިއުމް ބްރޭންޑު، ފޮންޑް މޯލްޑިވްސްގެ ފިހާރަ ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.
ބޭރުން ރޯ މެޓީރިއަލްސް ރާއްޖެ ގެނެސްގެން އަމިއްލައަށް ރާއްޖޭގައި ޕާފިއުމް އުފައްދާ، ފޮންޑް މޯލްޑިވްސްގެ ފިހާރަ ހުޅުވާފައި ވަނީ ފޭސް ދޭއްގެ ހިޔާ އެޗް 8، ޓަވަރުގަ އެވެ.
އެ ފިހާރަ މިއަދު ހުޅުވީ ފޮންޑް ބުރޭންޑު މުޅިން އައު ހަ ޕްރޮޑަކްޓަކާ އެކު އެވެ. އެއީ އަންހެނުންނަށް ހާއްސަ ސެންޓަކާއި ދެމަފިރިންނަށް ނުވަތަ ހިމް އެންޑް ހާސްއަށް ހާއްސަ ޕާފިއުމް އޮއިލްއެއްގެ އިތުރުން ފޮންޑް ބްރޭންޑުގެ ވާޖިން ކޮކަނަޓް އޮއިލް އަދި ފޮންޑް ބްރޭންޑުގެ ތިން ވައްތަރުގެ ސައިބޯންޏެވެ.
ފޮންޑް މޯލްޑިވްސްގެ މެނޭޖަރު، މަމްދޫހު އިބްރާހިމް ވިދާޅުވީ މިއަދު ލޯންޗު ކުރި ތިން ޕްރޮޑަކްޓު ތެރެއިން އަންހެނުންނަށް ހާއްސަ ސެންޓަކީ ރާއްޖޭގައި މިކްސްކޮށް ތައްޔާރު ކުރާ ސެންޓެއް ކަމަށެވެ. މިއަދު ތައާރަފު ކުރި ސައިބޯނީގެ ތެރޭގައި ހިމެނެނީ ރޯޒްއާއި ސޭންޑަލް ވުޑްގެ އިތުރުން ލޮޓަސް ކަމަށް މަމްދޫހު ވިދާޅުވި އެވެ.
"މީގެ ތެރެއިން މި ޕާފިއުމް، މިއީ ހަމަ އަޅުގަނޑުމެން ރާއްޖޭގައި މިކްސްކޮށް ތައްޔާރު ކުރާ ސެންޓެއް، ދެން މިހުރި ހުވަނދު މިއީ ދިވެހިންނަށް ކަމުދާ ވަސްތައް ހިމަނައިގެން ގެނެސް މިކޮޅުގައި ބަންދު ކުރާ ޕްރޮޑަކްޓެއް،" މަމްދޫހު ވިދާޅުވި އެވެ.


ފޮންޑް ބްރޭންޑުގެ ފެން އަޅާ ފުޅި -- ފޮޓޯ: މިރާން ނާޝިމް / އަދަދު
އޭނާ ވިދާޅުވީ ފޮންޑްގެ ހުރިހާ ޕްރޮޑަކްޓަކީ ވެސް ރާއްޖެއިން މިވަގުތު ލިބެންހުރި އެންމެ ކޮލެޓީ ޕްރޮޑަކްޓުތަކާ އެއްހަމައެއްގައި ހިފަހައްޓައިލެވޭ ވަރުގެ ޕްރޮޑަކްޓުތަކެއް ކަމަށެވެ. ނަމަވެސް ފޮންޑްގެ ހުރިހާ ޕްރޮޑަކްޓެއްގެ އަގުވެސް ހުންނާނީ މެދުމިނުގައި ކަމަށް މަމްދޫހު ވިދާޅުވި އެވެ.
ފިހާރައަކީ ފޮންޑްގެ ފެށުން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ވިޔަފާރި އިތުރަށް ފުޅާކޮށް އިތުރު ޕްރޮޑަކްޓުތައް މާކެޓަށް ނެރޭނެ ކަމަށް މަމްދޫހު ވިދާޅުވި އެވެ.
"އެންމެ އަވަހަށް [މާކެޓަށް ނެރެވޭތޯ] މިބަލަނީ އިތުރު ފިރިހެން ވަހެއް، ދެން ހަމަ ކޮންމެ މަހަކު ވެސް އިރާދަކުރެއްވިއްޔާ ފޮންޑް ބްރޭންޑުގެ ފިރިހެން އަދި އަންހެން ވަހެއް އަޅުގަނޑުމެން ތައާރަފު ކުރާނަން،" މަމްދޫހު ވިދާޅުވި އެވެ.
ފޮންޑްގެ ނަމުގައި ޕަފިއުމް ބްރޭންޑެއް އުފެއްދުމުގެ ވިސްނުން އައީ ޕާފިއުމް ނުވަތަ ސެންޓަށް އުފެދުނު ޝައުގުވެރިކަން ފުޅާވެ، ބޭރަށް ދަތުރުކޮށް އެކަން ކުރާގޮތް ދަސްކޮށްގެން ކަމަށް މަމްދޫހު ވިދާޅުވި އެވެ. ފޮންޑް ބްރޭންޑުގެ ކޮންމެ ސެންޓަކީ ވެސް ރާއްޖެއާ ގުޅޭ، ދިވެހިންނަށް ކަމުދާ ވަސްތައް ހިމަނައިގެން ތައްޔާރު ކުރާ ސެންޓުތަކެއް ކަމަށް މަމްދޫހު ވިދާޅުވި އެވެ.
"އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި އަންހެން އަދި ފިރިހެން، ކޮންމެ ވައްތަރަކުން ހަ ޕްރޮޑަކްޓެއް މާކެޓަށް ނެރުން،"
މިއަދު ހުޅުވި ފޮންޑް މޯލްޑިވްސްގެ ފިހާރައިން ފޮންޑް ބްރޭންޑުގެ ޕްރޮޑަކްޓުތަކުގެ އިތުރުން އެހެން ޕާފިއުމްއާއި ކޮސްމެޓިކްސް ވެސް ލިބެން ހުރެ އެވެ.











