ކުރީގެ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިން ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
އެ ތިން ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް ފޮނުއްވި ސިޓީ މިއަދު އޮތް ވިހިވަނަ މަޖިލީހުގެ ދެވަނަ ޖަލްސާގައި އިއްވިއިރު ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް ވަނީ އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު މިންވަރު އަދާކުރާ ކޮމިޓީއަށް ފޮނުއްވާފަ އެވެ.
އެ ވަޒީރުންނަށް ރުހުން ދިނުމާ މެދު ތަޅުމުން ގޮތެއް ނިންމާނީ ކޮމިޓީ ރިޕޯޓު ފޮނުވުމުންނެވެ.
އެ ތިން ވަޒީރުން ރުހުން ނުލިބުނީ ޖެނުއަރީ 29، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރުހުން އޮތް ކަމަށް ފާސްވާ އަދަދަށް ވޯޓު ނުލިބުމުންނެވެ. އެ ތިން ބޭފުޅުން ފިޔަވައި ދެން ތިބި ހުރިހާ ވަޒީރުންނަށް އެ ދުވަހު ރުހުން ލިބުނެވެ.
ވަޒީރުންނަށް ރުހުން ނުދޭން ފާސް ކުރުމުން ހަމަ އެ ދުވަހު އަނެއްކާ ވެސް އެ ތިން ވަޒީރުން ރައީސް މުއިއްޒު ވަނީ މަގާމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ޖެހިގެން އައި ފެބްރުއަރީ މަހުގެ ތެރޭގައި އެ ބޭފުޅުންނަށް ރުހުން ހޯދުމަށް އަލުން މަޖިލީހަށް ހުށަހެޅި އެވެ.

ނަމަވެސް އޭގެ ފަހުން އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މަޖިލީހުގެ ބައެއް މެންބަރުން އެއިރު ބުނެފައި ވަނީ ރުހުން ނުލިބުނު ވަޒީރުން އަލުން މަގާމަށް އައްޔަންކޮށް ރުހުން ހޯދަން ފޮނުވުން ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށެވެ.











