މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދުގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމި ދެވަނަ ނިންމުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ނިންމައި މިއަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް އިސްތިއުނާފުގެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.
ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23، ގައި ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން ބަންދުގެ އަމުރެއް ނެރެނުދިނެވެ. ދައުލަތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. ސުޕްރީމް ކޯޓުން ދެން ހުކުމްކުރީ ހައި ކޯޓުން އަލުން ގޮތެއް ނިންމުމަށެވެ.
ހައި ކޯޓުން ދެވަނަ ފަހަރު ވެސް ނިންމީ ސައްމާހު ބަންދު ކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ވެސް ނެތް ކަމަށެވެ. ދެވަނަ ފަހަރު އެ ގޮތަށް ނިންމީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސެއިންގެ އަގުލަބިއްޔަތުންނެވެ. ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަކީ ބަންދު ކުރަން ޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން މި މަހު ނުވަ ވަނަ ދުވަހު ސައްމާހު ވަގުތީ ގޮތުން ބަންދުކުރަން ހަތް ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގައި ގޮތެއް ނިންމަން ވެސް ހައި ކޯޓުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. އެކަމަކު ހައި ކޯޓަށް ލިބުނު އަމުރުގައި މުއްދަތު ނެތުމުން އޮޅުންތަކެއް އަރައި އެ މުއްދަތުގައި ގޮތެއް ނުނިންމި އޭނާ ބަންދުން ދޫވި އެވެ. ހައި ކޯޓުގައި އަޑުއެހުން ނުބޭއްވުނު އަނެއް ސަބަބަކީ ފަނޑިޔާރުން ޗުއްޓީގައި ތިބުމުންނެވެ.
މި މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް އިސްތިއުނާފު ކުރުމާ މެދު ދައުލަތުން އަދި ގޮތެއް ނުނިންމަ އެވެ.
ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.












