އިމާރާތް ބާވެ، ހަލާކުވުމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ބާއްވަން، "ސިވިލްކޯޓް ހުޅުމާލެ ޑިިވިޝަން" ކުރިން ހިންގި އިމާރާތް ވަގުތީ ގޮތުން ދީފި އެެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ އިމާރާތުގެ ތިން މާލަމެއް ކްރިމިނަލްކޯޓަށް ލިބުމުން، ކްރިމިނަލްކޯޓުގެ ހަ ސެކްޝަނެއްގެ މަސައްކަތް އެއްފަހަރާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، ބޭނުން ނުކުރެވޭވަރު ވުމުން، އެއިމާރާތުގެ ބޮޑުބައި ބޭނުންކުރުން ހުއްޓައިލީ 2023 ވަނަ އަހަރު އެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނި ގޮތުގައި އޭރުން ފެށިގެން މިހައިތަނަށް، އެކޯޓުގެ ޝަރީއަތްތައް ބާއްވަމުން އައީ އެންމެ މާލަމެއްގަ އެވެ.
"...ވަގުތީ ގޮތުން މިގެނެވުނު ބަދަލާއި ގުޅިގެން ކޯޓުގެ ބައެއް ސެކްޝަންތައް ހުޅުމާލެ ބަދަލުކުރުމުން، މާލޭގައި ހުރި ކޯޓުގެ އިމާރާތުން ޝަރީޢަތްކުރާ 03 މާލަން ހުސްކުރެވިފައިވެއެވެ. އެހެންކަމުން، މިވަގުތު ހުޅުމާލެ މާލަންތަކާއެކު ޖުމްލަ 6 މާލަން ޝަރީއަތްކުރުމަށް ލިބިފައިވެއެވެ،" ކްރިިމިނަލް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ހުޅުމާލޭން ލިބުނު ޖާގައާ އެކު ގާއިމްކުރެވުނު ހަ މާލަމް، ގާޒީންގެ މެދުގައި އެކިދުވަސްތަކަށް ބަހާލައިގެން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އިސްކަންދޭނީ ދުވަސްވީ މައްސަލަތަކާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީއަތައް ކުރިއަށް ގެންދަން ކަަމަށް ވެސް އެކޯޓުން ބުންޏެެވެ.

ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޝަން ހިންގީ ހުރަވީ ސްކޫލާ ޖެހިގެން ދެކުނަށް އޮތް ބިިމުގައި ހުރި އިމާރާތެއްގަ އެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެކޯޓުގެ ޝަރީއަތްތައް މާދަމާއިން ފެށިގެން އެ އިމާރާތުގައި ކުރިއަށް ދާނެ އެވެ.












