"ސަރުކާރު" ގެ ނަމުގައި ރައީސް އޮފީހުން އޮންލައިން ނޫހެއް ހިންގަން ފަށައިފި އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް "އަދަދު" އަށް ވިދާޅުވީ ނޫސް ރަސްމީކޮށް ލޯންޗު ނުކުރާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ލޯންޗުކުރާނެ ކަމަށެވެ. އެކަމަކު މިހާރު އެ ވެބްސައިޓު ވަނީ ލައިވްކޮށްފަ އެވެ.
މި ނޫހުގެ މަގްސަދަކީ ސަރުކާރުގެ ހުރިހާ މިނިސްޓްރީއެއްގެ ހަބަރު އެއް ވެބްސައިޓަކުން ގެނެސްދިނުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެބްސައިޓު މެދުވެރިކޮށް ސަރުކާރު ކުންފުނިތަކުގެ ހަބަރުތައް ވެސް ގެނެސްދޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.
"ހުރިހާ މިނިސްޓްރީއެއްގެ ހަބަރުތައް ވަކިވަކިން މިނިސްޓްރީތަކުން ބަލަން އުނދަގޫވާނެ. އެ މިނިސްޓްރީތަކުގެ ހަބަރުތައް އެއްތަނަކުން ބެލޭނެ ގޮތަށް ފަސޭހަކޮށްދިނުން މަގްސަދަކީ،" ހަލީލް ވިދާޅުވި އެވެ.
ނޫހުގައި ކެޓަގަރީތައް ގޮތުގައި ސަރުކާރުގެ 22 މިނިސްޓްރީ ހިމެނޭއިރު، އެ މިނިސްޓްރީތަކާ ގުޅޭ ހަބަރުތައް ނޫހުން ފެންނަ ގޮތް ވަނީ ހަދާފަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް އޮފީހުން ވަނީ އެ ނޫހުގައި ކޮންމެ މިނިސްޓްރީއަކުން ވެސް މަދުވެގެން ދުވާލަކު އެއް ހަބަރު ޝާއިރު ކުރުމަށް ހުރިހާ މިނިސްޓްރީއަކަށް އަންގާފަ އެވެ.
ރައީސް އޮފީހުން ދަނީ އެ އޮފީހުގެ ހަބަރުތައް ވެބްސައިޓު މެދުވެރިކޮށް ގެނެސްދެމުންނެވެ. އަދި ބައެއް މިނިސްޓްރީތަކުގެ ވެބްސައިޓު މެދުވެރިކޮށް އެ މިނިސްޓްރީއެއްގެ ހަބަރުތައް ގެނެސްދެ އެވެ.














