ދައުލަތުގެ ހަރަދުތައް ދެކޮޅު ޖައްސަން ދަތިވެފައި ވަނިކޮށް, ކޮންމެ މިނިސްޓްރީއެއްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ 20 ސިޔާސީ މުވައްޒަފުންގެ ނަން ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަން އެނގިއްޖެ އެވެ.
ސަރުކާރުގެ ސީނިއާ ބައެއް އޮފިޝަލުން "އަދަދު" ނޫހަށް މި ކަން ކަށަވަރުކޮށްދެއްވި އެވެ.
މި ކަން ކަށަވަރު ކޮށްދެއްވި އޮފިޝަލުން ވިދާޅުވީ ގޮތުގައި އޭގެ ބޭނުމަކީ ސިޔާސީ މުވައްޒަފުންގެ މަސައްކަތު ފެންވަރު ހުރި މިންވަރު ވަޒަން ކުރުމެވެ.
މިފަދަ އެންގުމެއް މި އެންގީ، ސިޔާސީ މަގާމުތައް އިތުރުވެ ދައުލަތުގެ ހަރަދު ވެސް ބޮޑުވެފައި ވަނިކޮށެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި އަދާހަމަ ކޮށްފައި ނުވާތީ އަދި އެ މައުލޫމާތު ދީފައި ނެތުމުން، މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހުރި ވަރު ކަށަވަރު ކުރެވޭ ގޮތެއް އަދި ނުވެ އެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ބައެއް މިނިސްޓްރީތަކުގައި މައުލޫމާތަށް އެދިގެން، ސިޔާސީ މުވައްޒަފުން ތިބި އަދަދު ހިއްސާ ކުރަމުން އެބަ ދެ އެވެ.
"އަދަދު" ނޫހުން ހުށަހަޅައިގެން މިހާތަނަށް އަށް މިނިސްޓްރީއަކާއި ބަންޑާރަ ނައިބު އޮފީހުގައި މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ސިޔާސީ މުވައްޒަފުން ތިބި އަދަދު ހިއްސާކޮށްފައިވެ އެވެ. އެއީ؛
- ޑިފެންސް މިނިސްޓްރީގައި ސިޔާސީ ހަތް މުވައްޒަފުން
- ބަންޑާރަ ނައިބު އޮފީހުގައި ސިޔާސީ ދެ މުވައްޒަފުން
- އެގްރިކަލްޗާ މިނިސްޓްރީގައި ސިޔާސީ 31 މުވައްޒަފުން
- އެންވަޔަރަމަންޓް މިނިސްޓްރީގައި ސިޔާސީ 47 މުވައްޒަފުން
- ޖެންޑަ މިނިސްޓްރީގައި ސިޔާސީ 66 މުވައްޒަފުން
- ޓުއަރިޒަމް މިނިސްޓްރީގައި ސިޔާސީ 29 މުވައްޒަފުން
- ހެލްތު މިނިސްޓްރީގައި ސިޔާސީ 26 މުވައްޒަފުން
- ހޯމްލޭންޑް މިނިސްޓްރީގައި ސިޔާސީ 53 މުވައްޒަފުން
- ސްޕޯޓްސް މިނިސްޓްރީގައި 195 ސިޔާސީ މުވައްޒަފުން
ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ސަރުކާރުގެ ސިޔާސަތެވެ. ނަމަވެސް, ސަރުކާރުގެ އޮފިޝަލުންނާއި އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ އަދަދު 2,000 އާ ގާތްކުރާނެ އެވެ.
މިނިސްޓްރީތަކުގައި ސިޔާސީ މުވައްޒަފުން ގިނަވެގެން ގޮސް މުވައްޒަފުން ތިބޭނެ ގޮނޑި މޭޒު މަދުވެ، ގޮނޑި މޭޒު ހޯދަން މި ދޭތެރެއިން އިއުލާން ކޮށްފައި ވެސް ވެ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ސިޔާސަތުގައި ބަޔާންކުރާ ވަރަށް ވުރެ މާ ގިނަ ސިޔާސީ މުވައްޒަފުން ސަރުކާރުގައި އެބަ ތިއްބެވެ.












