އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން އާދީއްތަ ދުވަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް "އަދަދު" ނޫހަށް އެނގިއްޖެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގަމުންދާ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ހުށަހަޅާނީ ވަޒީރެއް ކަމަށް މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާމެދު އާދީއްތަ ދުވަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރާނެކަން ވެސް އެނގިފައިވެ އެވެ. މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލު ވިދާޅުވީ މިވަގުތަށް ސަރުކާރުގެ ވިސްނުން ހުރީ ވަގުތީ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުން ކަމަށެވެ.
އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ގަތުލުއާންމު ފެށުމުން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ވަރަށް ގިނަ އާންމުން ގޮވާލި އެވެ. އޭގެ ފަހުން ނޮވެމްބަރު، 2023، ގައި އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއިން ރައީސް އޮފީހަށް ސިޓީއެއް ފޮނުވި އެވެ.
އެކަމާ ބެހޭ ގޮތުން ޑިސެމްބަރު، 2023، ގައި ރައީސް އޮފީހުގައި ސުވާލު ކުރުމުން އީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ، ޕާސްޕޯޓު މަނާ ކުރުމަކީ ރައީސްއަށް ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށެވެ.

"އެއީ މިވަގުތު އޮތް ގޮތުން ރައީސުލްޖުމްހުރިއްޔާއަށް ނިންމެވޭ ގޮތަށް ގާނޫނުގެ ތެރެއިން އޮތް ކަމެއް ނޫން، ގާނޫނުން ކުރަންޖެހޭ މަސައްކަތްތަކަކަށްވާތީވެ،" އޭނާ ވިދާޅުވި އެވެ.
އޮކްޓޯބަރު، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ގާތްގަނޑަކަށް 81،000 މީހުން ޒަހަމްވެފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު 10،000 އިން މައްޗަށް އަރަ އެވެ.
އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރުން ވަނީ އެ ކޯޓުގައި އެދިފަ އެވެ. އޭނާގެ އިތުރުން ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރު ކުރަން ވެސް ޕްރޮސެކިއުޓަރުން އެދުނެވެ.
ނަތަންޔާހޫ އަދި އޭނާގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރަން އެދިފައި ވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، ގަސްދުގައި މީހުން ހާލުގައި ޖައްސައި، ގަސްދުގައި މީހުން މެރުން، ހަނގުރާމައެއްގެ ތެރެއިން މަދަނީން މެރުން އަދި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާފައިވާތީ އެވެ.











