މީގެ 13 އަހަރު ކުރިން، ވިލިމާލޭގައި ގުރޫޕަކުން ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ އަބްދުﷲ ނަޒީފަށް މިރުޒާގެ އާއިލާއިން މައާފު ދިނުމުން އޭނާ މި ހިނދުން މިނިވަން ވާނެ ގޮތަށް އަދަބު ކަނޑައަޅައިދެން ކްރިމިނަލް ކޯޓުގައި އޭނާގެ ވަކީލު އެދިއްޖެ އެވެ.
ވިލިމާލޭ ޕާކު ތެރޭގައި ލަކުޑިބުރިއަކުން ޖަހައި، ނ. މާޅެންދޫ ވައިޓްހައުސް މިރުޒާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުންގެ ތެރެއިން ފުވައްމުލައް ސިޓީ, ޒާވިއާ، ނަޒީފުގެ މައްޗަށް ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ މެރުމަށެވެ.
ހައި ކޯޓުން އެ ހުކުމް ދެމެހެއްޓި އެވެ. މަރުގެ އަދަބު ކަނޑައެޅޭ އިރު ޝަރީއަތުގެ ތިން މަރުހަލާއިން ގޮތެއް ނިންމަން ގާނޫނުގައި ލާޒިމުކޮށްފައިވާތީ ސުޕްރީމް ކޯޓަށް މައްސަލަ ދިއުމުން މިރުޒާގެ އާއިލާއިން ވަނީ ނަޒީފަށް މާފުކޮށްފަ އެވެ.
އެހެންވެ އަނެއްކާ ވެސް އަދަބު ކަނޑައެޅުމަށް، ކްރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް ނުވަތަ ފޮނުވަން ނިންމި އެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެއް ގޮތަށް، ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ބޭއްވި އެވެ. މައްސަލަ ބައްލަވަނީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު މުހައްމަދު އަފުރާހު އެދުނީ 17 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރުމަށެވެ. އެއީ އެ މައްސަލާގައި ދެން ދައުވާކޮށްފައިވާ ވ. ފަޒީލާމަންޒިލް, މުހައްމަދު ޝިފާއުއަށް ހައި ކޯޓުން ކަނޑައެޅި އަދަބެވެ.
ޝިފާއު ވެސް މަރުގެ އަދަބުން ސަލާމަތްވީ ހައި ކޯޓުގެ މަރުހަލާގައި މިރުޒާގެ އާއިލާއިން އޭނާއަށް މާފު ކުރުމުންނެވެ.
ނަޒީފުގެ ދިފާއީ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ ދައުލަތުގެ ދައުވާއަކީ އަސާސްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ކަމަށް އެއްބަސްވާ ކަމަށާއި އެހެންވިޔަސް އަދަބު ކަނޑައަޅާއިރު އިންސާނެއްގެ ފަރުދީ ހާލަތަށް ރިއާޔަތް ކުރުމުގެ ބާރު ފަނޑިޔާރަށް ގާނޫނުން ލިބިދޭތީ އެ ކަމަށް ރިއާޔަތްކޮށްދޭން އެދޭ ކަމަށެވެ.
ނަޒީފު 13 އަހަރު ކުރިން ކުރި ކުށަކަށް މިއަދު އަދަބު ކަނޑައަޅަން ނިންމާ އިރު، މިދިޔަ 13 އަހަރު ދުވަހު ނަޒީފު އުޅުނީ ދައުލަތުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއް ހިމެނޭ ވަކި ނިޒާމަކަށް ބައްޓަންކޮށްފައިވާ، މާފުށީ ޖަލުގެ ދިރިއުޅުން ކަން ހަމްޒާ ފާހަގަ ކުރެއްވި އެވެ.
އަދި ނަޒީފުގެ އާއިލީ ޒިންމާތަކެއް ހުރި ކަން ވެސް ހަމްޒާ ފާހަގަ ކުރެއްވި އެވެ. އޭނާއަކީ ބަދަލުވެފައިވާ މީހެއްގެ ގޮތުގައި ދެކިގެން އަދަބު ކަނޑާއިރު ކުށުގެ އެންމެ އަސާސީ މިންގަނޑު ކަމަށްވާ 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅަން ދިފާއީ ވަކީލު އެދުނެވެ.
މި ކުށުގެ ތުހުމަތުގައި ހަމްޒާ ބަންދުކުރީ އޭޕްރީލް 13، 2011 ގަ އެވެ. އޭނާ ބަންދުގައި ހުންނަތާ 13 އަހަރާއި އެއް މަހާއި 18 ދުވަސް މިއަދަށް ވެއްޖެ އެވެ. އެހެންކަމުން ދިފާއުން ދެކެނީ، އޭނާ ކުރި ކުށަށް އަދި ވާރިސުން މާފު ދީފައިވާ ހާލަތަށް ރިއާޔަތްކުރާއިރު އެކަށޭނަ އަދަބެއް ދެވިއްޖެ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ފާއިޒު މިއަދު ގޮތެއް ނުނިންމަވަ އެވެ. މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލާގައި ގޮތެއް ނިންމުމުގެ އަޑުއެހުން އަންނަ ބުދަ ދުވަހު ތާވަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.












