ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއެރުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ބާރުވެރިކުރުވައި އިޖުތިމާއި ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައި ކުރިއަށްދިޔަ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް ނިންމުމަށް ބޭއްވި ހަފުލާގައި މުހިންމު ތިން ކަމެއްގެ މައްޗަށް ރައީސް މުއިއްޒު އަލިއަޅުވައިލެއްވި އެވެ. އެއީ އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށް ދިނުމެވެ. މިއީ ސިޑްސްގައި އެ މަނިކުފާނު ދެއްވި ފުރަތަމަ ތަގުރީރެވެ.
ފޯރަމުގައި ބައިވެރިން ހިއްސާކުރި ކަންކަމާއި ބައިވެރިންނަށް ދަސްވި ކަންކަމުގެ އަލީގައި، ގައުމުތަކަށް ދިމާވާ ހާއްސަ ހާލަތްތަކުގައި ފިޔަވަޅުތައް އެޅުމަށް، ރައީސް މުއިއްޒު ގޮވައިލެއްވި އެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ޒުވާން ވިޔަފާރިވެރިންނަށް އިންވެސްޓްމަންޓުތައް ހޯދައިދީ އެ ވިޔަފާރިތައް ބާރުވެރިކުރުވުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ވިޔަފާރިތަކަށް ލުއި ގޮތްތައް ހޯދައިދީ އެކުގައި މަސައްކަތް ކުރުމާއި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދީ، މާލީ އެހީތެރކަން ހޯދޭނެ އާ މަގުތައް ކޮށައިދިނުމަކީ ސަރުކާރުތަކުގެ ޒިންމާއެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދުނިޔޭގެ ބަދަލުވަމުންދާ އޮއެވަރުގައި ކުދި ގައުމުތަކުގެ ވިޔަފާރިތަކަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އިހުނަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވެ އެވެ. ރާއްޖެއިން މަސައްކަތް ކުރަމުންދަނީ އެ އަމާޒަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ހުޅުވައިދޭ މަގުތަކުގެ އިތުރުން، ރައީސް ވަނީ ސިޑްސްގެ ގައުމުތަކުގައި ހުންނަ ކުދި އާބާދީތަކުގައި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރައްވާފަ އެވެ. މިއީ ކުދި ވިޔަފާރިތަކާއި ސަރުކާރުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުވާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
އިޖުތިމާއި ގުޅުން ބަދަހިކޮށް، އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރައީސް މިއަދު ފާހަގަކުރައްވާފައި ވަނީ އަންހެނުންނަށް ހާއްސަކޮށްގެން ދޭން ނިންމާފައިވާ 100 މިލިއަން ރުފިޔާގެ ލޯނެވެ.
އޭގެ ތެރެއިން 25 ޕަސެންޓު ދޭނީ އަންހެނުންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަމަށާއި ސަރުކާރުގެ މި ނިންމުމުގެ މައިގަނޑު މަގުސަދަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސިޑްސްގެ ހަވާސާގައި ރޭވިފައިވާ އެކި އިވެންޓުތަކާއެކު މި މަހުގެ 30 އާ ހަމައަށް މި ކޮންފަރެންސް ދެމިގެންދާނެ އެވެ. އދ. އިން އިންތިޒާމުކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ. އަދި އެ މަނިކުފާނަކީ ފަސް އިންޓަރެކްޓިވް ޑައިލޯގުގެ ކޯޗެއާ އެވެ.
އދ. ގެ 37 ގައުމު ބައިވެރިވާ މި ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސަކަށް ވާއިރު، ކޮންފަރެންސްގައި ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް ވެސް އެކަށައަޅާނެ އެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށްގެންގޮސްފަ އެވެ.












