އދ. ގެ އާންމު މަޖިލީހުގައި މެއި 23, 2024 ގައި ނެގި ވޯޓަކީ އިންސާނިއްޔަތަށްޓަކައި އަދި މުޅި އިންސާނީ ތާރީހަށްޓަކައި ވެސް މުހިންމު ވޯޓެކެވެ. ޖަރުމަނާއި ރުވާންޑާއިން ހުށަހެޅީ 1995 ގައި އދ. އިން ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގައި ހިންގި ގަތުލުއާންމު ފާހަގަކުރުމުގެ ގަރާރެކެވެ.
އިރުމަތީ ޔޫރަޕުގައި 1992 ވަނަ އަހަރު ފެށި ބޮސްނިއާ ހަނގުރާމައިގައި ހިންގި އެ ގަތުލުއާންމާ ގުޅޭ އެ ގަރާރު ފާސް ކުރީ 84 ގައުމުގެ ތާއީދާއެކު އެވެ. ގަރާރު ފާސް ކުރުމާ ދެކޮޅަށް ވޯޓު ދިނީ އެންމެ 19 ގައުމެވެ. ނަމަވެސް އެއްވެސް ކޮޅަކަށް ވޯޓުނުލާ 68 ގައުމެއް ތިއްބެވެ.
އެ ގަރާރު ފާސްވުމާ އެކު ކޮންމެ އަހަރެއްގެ ވެސް ޖުލައި 11، ސްރޭބްރޭނީޓްސްއާގެ ގަތުލުއާއްމު ހަނދާން ކުރަން ހާއްސަ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން އދ. އިން ވަނީ ބަލައިގަނެފަ އެވެ. މިއަހަރުން ފެށިގެން މި ދުވަސް އެ ގަރާރާ އެއްކޮޅަށް ވޯޓު ދިން ގައުމުތަކުގައި ފާހަގަކުރާނެ އެވެ.
ޖުލައި 11، 1995 ގައި ބޮސްނިއާގެ ސްރޭބްރޭނީޓްސްއާގައި 8،372 މުސްލިމުން މަރައިލި އެވެ. އެކަން ކުރީ 1992 ވަނަ އަހަރު ފެށި ބޮސްނިއާ ހަނގުރާމައިގެ ތެރެެއިން ބޮސްނިއާ ސާބުންގެ މިލިޓަރީ ގްރޫޕަކުންނެވެ. އެ ޖަރީމާއަކީ ގަތުލުއާއްމެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ ނިންމައިފަ އެވެ.
ސަބަބު ބުނެނުދެވުނު, ސަރުކާރު ހިމޭނުން
ރާއްޖެ އަކީ ބައިނަލްއަގްވާމީ މަޝްރަހުގައި އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުކަމާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރާ ގައުމަކަށް ވިޔަސް ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގި މިފަދަ ބޮޑު ޖަރީމާއަކާ ގުޅިގެން ހުށަހެޅި ގަރާރަށް ރާއްޖޭން ވޯޓު ދީފައި ނުވެ އެވެ.

އެ ގަރާރަށް ވޯޓަށް ހުޅުވާލުމުން، ވޯޓުގައި ބައިވެރިވި ނަމަވެސް ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެ އެވެ. ރާއްޖެއިންވީ "އެބްސްޓެއިން" އެވެ.
އދ. ގައި ނެގި މިފަދަ މުހިންމު ވޯޓެއްގައި ރާއްޖޭން ވަކި ކޮޅަކަށް ވޯޓު ނުދިން ސަބަބު ހޯދުމަށް ތަކުރާރުކޮށް ފޮރިން މިނިސްޓްރީއަށް ގުޅައި ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
ގަރާރު ފާސް ކުރަން ވޯޓު ނުދިނީ ކީއްވެކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހާމަ ކުރައްވަންޖެހޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް, ޒަމީރު ވެސް މިކަމުގައި އެއްވެސް ބަހެއް ވިދާޅެއް ނުވެ އެވެ. އެ ވޯޓަށް ފަހު 12 ޕޯސްޓެއް ޒަމީރުގެ އަމިއްލަ އެކްސް އެކައުންޓުގައި ކުރެއްވި ނަމަވެސް ބޮސްނިއާ އަދި ވޯޓާ ގުޅޭ އެއްވެސް ޕޯސްޓެއް ނުކުރައްވަ އެވެ.
ބޮޑު ވޯޓެއްގައި ރާއްޖޭން އެންމެފަހުން "އެބްސްޓެއިން" ވީ އެޕްރީލް 2022 ގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމަށް ނެގި ވޯޓުގަ އެވެ.
އދ. ގައި ނަގާ ވޯޓުތަކުގައި ވަކި ކޮޅެއް ނުނެގުމަކީ ސަރުކާރުތަކުން އުނދަގޫ ނިންމުންތައް ނިންމަން ބޭނުން ނުވާތީ ކުރާ ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.
އެގޮތުން, އދ. ގެ އާންމު މަޖިލިސް ނުވަތަ ސަލާމަތީ މަޖިލީހުގައި ނަގާ ވޯޓުތަކުގައި "އެބްސްޓެއިން" އަށް ޑިޕްލޮމެޓުން ފިތަނީ ގައުމުތަކުން އަހަންމިއްޔަތުކަން ދޭ އަމިއްލަ ކަންކަމާ ގުޅޭ ސިގްނަލްތައް އެހެން ގައުމުތަކަށް ފޮނުވުމުގެ ގޮތުން ކަމަށް ބައިނަލްއަގްވާމީ ނިޒާމާއި ގުޅުންތަކާ ގުޅޭ ދިރާސާތައް ކުރާ ޖާނަލްއެއް ކަމަށްވާ ވޯލްޑް ޕޮލިޓިކްސް ރިވިއު އިން ބުނެ އެވެ.
މާހިރުންނާއި ތަޖުރިބާކާރުން "އެބްސްޓެއިން" ވޯޓު ތަފާތު އެކި ގޮތްގޮތަށް މާނަކުރި ނަމަވެސް ރާއްޖޭން މި ވޯޓުގައި އެހެން ހެދި ސަބަބެއް ނޭނގެ އެވެ. ސަރުކާރުން ބަހެއް ނުބުނެ އެވެ. އެކަމުގައި ކަމެއް ފޮރުވިފައި އޮތް ކަމެއް, ނުވަތަ އެހެން ގައުމަކަށް ސިގްނަލެއް ދޭން ކުރި ކަމެއް ކަމަށް ބުނަން އެނގޭނީ ސަރުކާރާށެވެ.
ރާއްޖޭގެ ނިޔަތާ މެދު ފާޑުކިޔުން
ބޮސްނިއާގެ ގަތުލުއާންމަކީ ދިވެހިންގެ ހަނދާނުން މިހާރު ކައްސާލައިގެން ގޮސްފައިވާ ކަމަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި އެ ހަނދާންތައް ހުރި މީހުން އެބަތިއްބެވެ. ޓީވީ އާއި އިންޓަނެޓު ނެތް ނަމަވެސް އެ އެ ހިތްދަތި މަންޒަރުތައް ވީޑިއޯ ކެސެޓުން ބެލި މީހުން އެބަތިއްބެވެ.
"އަހަރެންގެ ބައްޕައަކީ ބޮސްނިއާގައި ހިންގި ގަތުލުއާންމުން ސަލާމަތްވި މީހެއް. ރާއްޖޭން މި ވޯޓުގައި ވަކި ކޮޅަކަށް ވޯޓު ނުދިނުމަކީ ދިވެއްސަކަށް ވީތީ ލަދުވެތި ކަމެއް," ބޮސްނިއާ ބައްޕައަކަށް އުފަން އައްޑޫ ސިޓީއަށް ނިސްބަތްވާ ދިވެހި ޒުވާނަކު ލިޔެފައި އޮތެވެ.
ބޮސްނިއާގެ ގަތުލުއާންމާ ގުޅިގެން ރާއްޖޭގައި ފަންޑްރެއިޒް ކުރުމަށް ސްކޫލުތަކުގައި މަސައްކަތު ދުވަހެއް ވެސް ފާހަގަކުރި އެވެ. ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ސާބުން ހިންގި ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި ދިވެހިންގެ ފެންވަރުން އޭރު އަޑުވެސް އުފުލި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ސްރޭބްރޭނީޓްސްއާ ގަތުލުއާންމާ ގުޅޭ ގަރާރުގައި ރާއްޖެއިން ބައިވެރިނުވުމުގެ ފަހަތުގައިވާ ސަބަބު ވަރަށް ގިނަ ދިވެހިން ދެނެގަންނަން ބޭނުންވޭ," އެ ހަނދާންތައް އާކުރައްވަމުން އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އެކްސްގައި ވިދާޅުވި އެވެ.
އެ ސަބަބު ސާފުކުރުމަށް ރައީސް މައުމޫން ވެސް ވަނީ އެދިވަޑައިގަނެފަ އެވެ. ޒަމީރު އެކަން ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"90ގެ އަހަރުތަކުގައި މުސްލިމުންނާއި ދެކޮޅަށް ދުނިޔޭގައި ހިންގި އެންމެ ބޮޑު ގަތުލުއާންމު. އަޅުގަނޑުގެ ސުވާލަކީ ބައިނަލްއަޤްވާމީ ގޮތުން އެތަކެއް ދުވަހެއް ފާހަގަކުރާ ގައުމަކަށް ރާއްޖެ ވީހިނދު މިދުވަސް ފާހަގަކުރަން ދެކޮޅު ތިޔަ ހެއްދެވީ ކޮންކަމަކައިގެންތޯ އޭ؟" އެހެން މީހަކު އެކްސްގައި ސުވާލު އުފެއްދި އެވެ.
އެއް ގަތުލުއާންމާ ދެކޮޅަށް ހަރުއަޑުން ވަކާލާތު ކުރާ ނަމަ ހަމަ މުސްލިމުންތަކަކާ ދެކޮޅަށް މީގެ 28 އަހަރު ކުރިން ހިންގާފައިވާ ކަމަށް ކޯޓުން ކަނޑަޅާފައި އޮތް ގަތުލުއާންމަށް ރާއްޖޭން ތާއީދު ކުރަން ޖެހޭނެ ކަމަށް ވެސް ފާޑުކިޔާ މީހުން ދެކެ އެވެ.
"މިކަހަލަ ނިންމުންތައް ނިންމައި، މީހުން ހިމޭނުން ތިބޭނެ ކަމަށް އުންމީދު ނުކުރެވޭނެ. އިސްރާއީލާ ދެކޮޅަށް އައިސީޖޭގައި ހިންގާ ޖަރީމާގެ މައްސަލައާ ގުޅުމަށް ފަހު، އައިސީޖޭގައި ވާހަކަ ދެއްކުމަށް ވަކީލަކު ފޮނުވުމަށް ފަހު ޖެހިގެން އަންނަ ދުވަހު ބޮސްނިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުގެ މައްސަލާގައި ހިމޭނުން ނުތިބެވޭނެ," އެކްސްގައި ޝުއޫރު ފާޅުކުރި މީހަކު ލިޔެފައިވެ އެވެ.
ސަރުކާރުން ހާރިޖީ ތަރި ޖަހަން ބޭނުންކުރާ ވޯޓަކަށް ގަތުލުއާންމުތަކާ ގުޅޭ ވޯޓުތައް ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން މިހާރު ދެކެ އެވެ.
"ދެއްކުންތެރިކަން އިސްކޮށް ކުރާ ކަމެއްގައި ކޮން އިހުލާސްތެރިކަމެއްތޯ އޮންނާނީ. ފަލަސްތީނު މައްސަލައިގައި ގައުމަށް ކުރެވެން ހުރި ކަންކަން ބަހައްޓާފައި ބޭރު ގައުމުތަކަށް ގޮސް މޮޅު ސްޕީޗު ދެނީ ރައްޔިތުން އަތް ޖަހާތީ. އެއީކީ ގަތުލުއާންމާ ކޮންމެހެން ދެކޮޅުވެގެނެއް ނޫން," އެހެން މީހަކު ލިޔެފައިވެ އެވެ.












