ނުރައްކާތެރި ފެންޓަނީލް-ލޭސްޑް ޑްރަގްސް (ޗައިނާ ވައިޓް) ބޭނުންކުރުމުން އޯވަޑޯޒްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެޑިކްޝަން ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލީ އަދީބު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގައި 16 އަހަރު ހޭދަކޮށްފައިވާ އަދީބު "އަދަދު" އަށް ވިދާޅުވީ ރާއްޖޭގައި ބޭނުންކުރަމުން އަންނަ ޗައިނާ ވައިޓަކީ ސިންތެޓިކް އޯޕީއެޓެއް ކަމަށާއި، އެއީ ފެންޓަނީލްގެ ކޮޕީއެއް ކަމަށެވެ.
ޗައިނާ ވައިޓުން ކުރަނީ ފެންޓަނީލްގެ އަސަރުތައް ކަމަށާއި، ނަމަވެސް އޭގެ ކެމިކަލް ސްޓްރަކްޗާ މުޅިން ތަފާތު ކަމަށް އަދީބު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އެ ޑްރަގު ވަރުގަދަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޗައިނާ ވައިޓް 900 ގުނަ އިތުރު މޯފިންއަށްވުރެ. ސައިންޓިފިކް ނަމަކަށް ޗައިނާ ވައިޓަށް މިކިޔަނީ އަލްފާ މެތަ ފެންޓަނީލް. އޯވަޑޯޒް މިވަނީ މީގެއިން ކިހާ ވަރަކަށް ކަމެއް ހަމަ އެއްގޮތަކަށް ވެސް އަންދާޒާ ކުރާކަށް ނޭނގޭނެ. ކިތަންމެ ކުޑަކޮށް އިންޖެކްޓް ކުރިއަސް ވެދާނެ އަދި ގެއްލުން ލިބެނީ ކިހާ ވަރަކަށް ކުރީމަ ކަމެއް ވެސް ނޭގޭ،" އަދީބު ބުންޏެވެ.
ޗައިނާ ވައިޓަށް ދޭނެ ބޭސް ރާއްޖޭގައި ހުރިކަން ފާހަގަކުރައްވާ އަދީބު ވިދާޅުވީ ބުޕްރޮނޯފިން ނުވަތަ މެތަޑޯން ފަދަ ބޭސްތަކުން އެ ޑްރަގުގެ ބަލި ނުވަތަ ވިތުޑްރޯވަލް ފިލުވޭ ކަމަށެވެ.

އަދީބު ވިދާޅުވީ ފުލުހުންނާއި، ސިއްހީ ހިދުމަތްދޭ ތަންތަނުން އެމަޖެންސީކޮށް ބޭނުން ކުރެވޭ ގޮތަށް ނަލޮކްސޯން ގެންގުޅެން ޖެހޭ ކަމަށާއި، އެއީ, އޯވަޑޯޒްވުމުން ނޭފަތަށް ޖަހާ އެއްޗެއް ކަމަށެވެ. އޭތި ބޭނުން ކުރުމުން އޯވަޑޯޒް ރިވާސްވާނެ ކަމަށް އޭނާ ކިޔައިދިނެވެ.
"ސިސްޓަމުގެ ކަމެއް އެއީ ކޮންސިކުއެންސަސްއަށް ތައްޔާރުވުން. ޗައިނާ ވައިޓުގައި މި ހުންނަނީ ބޭހާ އެއްކޮށް ކައުންސިލިންއާއި ސުލޫކީ ކަންކަމަށް ދޭން ޖެހޭ އެޕްރޯޗާއެކު އޭގެއިން ނެރެވިދާނެ،" އަދީބް ވިދާޅުވި އެވެ.
ޗައިނާ ވައިޓް ރާއްޖޭގައި އުޅޭކަން އެންޑީއޭގެ ސަމާލުކަމަށް އައިސްފައިވާތާ ހަފްތާއެއް ވެފައިވާއިރު، މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ހޯމް މިނިސްޓްރީއާ ގުޅިގެން އެ އެޖެންސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި މި ޑްރަގަށް ޓެސްޓުކުރެވޭނެ ގޮތެއް ނެތްކަން ފާހަގަކުރައްވާ އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު "އަދަދު" އަށް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޓެސްޓު ކިޓުތައް ރާއްޖެ ގެނެސް ޓެސްޓުކުރަން ފަށާނެ ކަމަށާއި، އެއާއެކު ރާއްޖޭގައި މި ޑްރަގް އޮތް މިންވަރު ދިރާސާއެއްގެ ގޮތުގައި އެނގިގެން ދާނެ ކަމަށެވެ.
އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑރ. މުހައްމަދު އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުގައި އިންފެކްޓްވެގެން އެޑްމިޓުކުރާ ބައެއް ބަލިމީހުން ޗައިނާ ވައިޓް ބޭނުންކުރި ކަމަށް ބުނަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ސިންތެޓިކް ޑްރަގަށް ދޭނެ ވަކި ހާއްސަ ފަރުވާއެއް މިހާތަނަށް ހަމަޖެހިފައި ނުވެ އެވެ. މިގޮތުން އެފަދަ މަސްތުވާއެއްޗެއް ބޭނުންކުރާ ފަރާތްތަކަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ކައުންސިލިންގެ އިތުރުން ދޭންޖެހޭ ސައިކޯ ސަޕޯޓު ދެ އެވެ.












