ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒް އަދުނާން މިއަދު އައްޔަންކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޒީނާޒް އައްޔަންކޮށްފައިވާކަން މިއަދު އިއުލާނު ކުރީ އެ ޕާޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ނުދެ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަންޖެހޭނީ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ. ޕާޓީގެ މެންބަރުންގެ މަޖިލީހަކީ ޕާޓީ ހިންގުމުގެ މަސައްކަތް ކުރާ މަޖިލީހެވެ.
އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އިދާރީ ގޮތުން ހިންގަންޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރި ޒީނާޒްއަކީ ކުޑަކުދިންގެ ހިޔާގެ ކުރީގެ ސީއީއޯ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ހިންގުމުގައި އޭނާ އިސް ދައުރެއް އަދާ ކުރެއްވި އެވެ.

ޒީނާޒްގެ ފިރިކަލުންނަކީ މިނިސްޓާ އޮފް ސިޓީ އާދަމް ޝަރީފް އުމަރެވެ.












