ގާޒާގެ ރަފާއަށް ދޭ ހަމަލާތައް ހުއްޓާލަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން މިއަދު ނެރުނު އަމުރު ތަންފީޒުކޮށް، ހަމަލާތައް ހުއްޓާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް މިރޭ ގޮވާލައްވައިފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ރަފާގައި އިޒްރޭލުން ހިންގާ މިލިޓަރީ ހަރަކާތްތައް ހުއްޓާލަން އައިސީޖޭއިން ކުރި އަމުރަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ. އަދި ރަފާގައި ހިންގާ ލާއިންސާނީ އަނިޔާތައް އިޒްރޭލުން ހުއްޓާލަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަފާއަށް ދޭ ހަމަލާތައް ހުއްޓާލުން ވާނީ އަމާންކަމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. އަދި ރައީސް ވިދާޅުވީ، ދާއިމީ އަމާންކަން ލިބޭނީ 1967 ގައި ފަލަސްތީނާއި އިޒްރޭލުގެ ބޯޑަރު ބެހުމުގެ ކުރިން އޮތް ގޮތަށް ރުޖޫއަވެ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށް ކަމަށް ހަދައިގެން ކަމަށެވެ.
އައިސީޖޭއިން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ރަފާގެ ދިރިއުޅޭ ފަަލަސްތީނުގެ ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް އިޒްރޭލުން ހިންގާ މިލިޓަރީ ހަރަކާތްތައް ހުއްޓާލުމަށެވެ.
އެ އަމުރު ނެރުނީ 13 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އަމުރު ނެރުމާ ދެކޮޅުވީ ދެ ފަނޑިޔާރެކެވެ.

ރަފާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ރަފާ ކްރޮސިން ހުޅުވާފައި ބެހެއްޓުމަށް ވެސް އައިސީޖޭއިން އަމުރު ކުރި އެވެ. ރަފާ ކްރޮސިންއަކީ މިސްރުން ރަފާއަށް ވަންނަން އޮންނަ ހަމައެކަނި މަގެވެ.
އދ. އިން ކަނޑައަޅާ އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކާއި ފެކްޓު ފައިންޑިން މިޝަންތަކާއި ތަހުގީގު ކުރާ ފަރާތްތަކަށް ގާޒާއަށް ވަނުމުގެ މަގު ފަހިކޮށްދިނުމަށް ވެސް ކޯޓުން އަމުރު ކުރި އެވެ
ކޯޓުން އަމުރު ކުރި ފިޔަވަޅުތައް އަޅަން ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓެއް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ދޭންޖެހޭނެ ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.
އޭގެ އިތުރުން، ފަލަސްތީނުގެ އިންސާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ވެސް ކޯޓުން ފާހަގަ ކުރި އެވެ. އަދި ގާތްގަނޑަކަށް މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާކަން ވެސް ކޯޓުން ފާހަގަ ކުރި އެވެ.
އޮކްޓޯބަރު، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 35،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ގާތްގަނޑަކަށް 80،000 މީހުން ޒަހަމްވެފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު 10،000 އިން މައްޗަށް އަރަ އެވެ.
އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރުން ވަނީ އެ ކޯޓުގައި އެދިފަ އެވެ. އޭނާގެ އިތުރުން ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރު ކުރަން ވެސް ޕްރޮސެކިއުޓަރުން އެދުނެވެ.
ނަތަންޔާހޫ އަދި އޭނާގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރަން އެދިފައި ވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، ގަސްދުގައި މީހުން ހާލުގައި ޖައްސައި، ގަސްދުގައި މީހުން މެރުން، ހަނގުރާމައެއްގެ ތެރެއިން މަދަނީން މެރުން އަދި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާފައިވާތީ އެވެ.












