މަސްތުވާތަކެތީގެ ނުރައްކާ ބާވަތެއް ކަމަށްވާ ފެންޓަނީލް-ލޭސްޑް ޑްރަގްސް (ޗައިނާ ވައިޓް) ބައިނަލްއަގުވާމީ މާކެޓުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވާތީ ފިޔަަވަޅު އަޅަމުން އަންނަ ކަމަށް ހޯމްމިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމްމިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޗައިނާ ވައިޓަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ އެއްޗެއް ކަމަށާއި، މަސްތުވާތަކެތީގެ އެ ބާވަތުން ފުރާނައަށް ނުރައްކާވާ ކަމަށެވެ.
މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި، ކުރަން ޖެހޭ މަސައްކަތްތައް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ނެޝަނަލް ޑްރަގް އެޖެންސީގެ އިތުރުން ކަމާ ބެހޭ އެންމެހާ މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެެވެ.
ދުނިޔޭގެ މާކެޓުގައި މި ޑްރަގް އުފައްދާ އަދި ވިއްކާ މިންވަރު އިތުރުވި ކަމަށް މިނިސްޓްރީން ބުނާއިރު، ރާއްޖޭގައި ޗައިނާ ވައިޓް ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީގެއިތުރުން ރާއްޖޭގައި ފަހަކަށް އައިސް ކުއްލި މަރުތައް ގިނަވާން ފަށާފައިވާއިރު، މިދިޔަ ދެ ހަފްތާ ތެރޭގައި ވެސް ވަނީ ގޮތް ނޭގޭ މަރުތަކެއް ހިނގާފަ އެވެ. އެކަމާ ގުޅޭ މާ ބޮޑު ތަފްސީލްތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ.














