ޗައިނާގެ އޮޓޮނޮމަސް ސަރަހައްދެއް ކަމަށްވާ ޝީޒަންގްއިން ރާއްްޖެއަށް 1,500 ޓަނުގެ މިނެރަލް ފެން ހަދިޔާކޮށްފި އެވެ.
މި ޝިޕްމެންޓް ރާއްޖެއާ ހަވާލުކުރީ ޗައިނާގެ ސަފީރުން ވާންގް ލީ ޖިން އެވެ. ރާއްޖޭގެ ފަރާތުން ހަވާލުވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މި ފެނުގެ ޝިޕްމެންޓް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ރަށްތަކުން ސާފު ބޯފެން ހުސްވާ ދުވަސްވަރު އެ ރަށްރަށަށް ބޭނުންވާ ފެނުގެ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިއީ ޗައިނާގެ އިސް އޮފިޝަލަކު މިދިޔަ އަހަރު ފަހުކޮޅު ރާއްޖެއަށް ވަޑައިގެން ހަދިޔާކުރައްވާނެ ކަމަށް ވިދާޅުވި ފެނުގެ ޝިޕްމަންޓެކެވެ. މި ޝިޕްމެންޓް ރާއްޖެއަށް މާޗު މަހުގެ ތެރޭގައި ގެނައި ކަމަށް އޭރު ބަޔާނެއް މެދުވެރިކޮށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
ރިޔާސީ ގަނޑުވަރުގައި ބޭނުންކުރުމަށް މިނެރަލައިޒް ފެނުގެ އަގުބޮޑު ބްރޭންޑެއްގެ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފައިވާ ކަަމަށް ބުނާ ވާހަކަތަކެއް ފެތުރުނެވެ. ޗައިނާއިން ހަދިޔާކުރީ ސީދާ ކޮން ބްރޭންޑެއްގެ ފެނެއް ކަން ފޮރިން މިނިސްޓްރީން ހާމަނުކުރެ އެވެ.













