ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުގެ އިދާރާތަކަށް އައްޔަނުކުރި ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވެ, ބައެއް އޮފީސްތަކުގައި މަސައްކަތް ކުރާނެ ގޮނޑި އާއި މޭޒު ހަމައަށް ނެތްކަން އެނގިއްޖެ އެވެ.
ނޮވެމްބަރު 17, ގައީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތީ ސިޔާސި މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެ ކަމުގެ ވައުދާ އެކު އެވެ. ސަރުކާރުން ރަސްމީކޮށް މި މައުލޫމާތު ހާމަނުކުރާތީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ޔަގީން އަދަދެއް ނޭނގެ އެވެ.
ނަމަވެސް, "އަދަދު" ނޫހުން އެކި މަސްދަރުތަކުން ހޯދި ހޯދުންތަކުން ޔަގީން ކުރެވޭ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 2,000 އާ މިހާރު ގާތްކުރާނެ އެވެ.
އައްޔަނުކުރި މުވައްޒަފުން މަސައްކަތް ކުރުމަށް ބައެއް މިނިސްޓްރީތަކުގައި ގޮނޑި އާއި މޭޒު ވެސް ހަމައަށް ނެތް ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ޔަގީންކޮށްދީފަ އެވެ.
އެކަމުގެ ސަބަބުން ބައެއް ސިޔާސީ މުވައްޒަފުން އޮފީސް ގަޑީގައި މިނިސްޓްރީތަކުގެ ކައިރީގައި ހުންނަ ކެފޭ ރެސްޓޯރަންޓުތަކުގައި ވަގުތު ހޭދަކުރާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މުވައްޒަފުންނަށް އެކަށީގެންވާ ވަރަށް ފަރުނީޗަރު ނެތުމުގެ ސަބަބުން ބައެއް މަސައްކަތްތަކަށް ވެސް ބުރޫ އަރާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެގޮތުން, ގިނަ ދުވަސްތަކެއް ވަންދެން މިނިސްޓްރީތަކުގައި މަސައްކަތް ކުރި ސިވިލް ސާވިސް މުވައްޒަފުން ތިބޭ މަސައްކަތު ސްޓޭޝަންތައް އެހެން ތަންތަނަށް ބަދަލުކޮށް ސިޔާސީ މުވައްޒަފުންނަށް ޖާގަ ހަދަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ބައެއް މިނިސްޓްރީތަކުން ވަނީ ގޮނޑި އާއި މޭޒު ހޯދުމަށް ގެޒެޓުގައި އިއުލާނު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީ އާއި އެންވަޔަރަމަންޓު މިނިސްޓްރީ ހިމެނެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި އެންވަޔަރަމަންޓުގައި 47 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. ޔޫތު މިނިސްޓްރީގައި ތިބީ ކިހާ އަދަދެއްގެ ސިޔާސީ މުވައްޒަފުންނެއް ކަމެއް ނޭނގެ އެވެ.
ވަކިވަކި މިނިސްޓްރީތަކުން އާރުޓީއައިއަށް ޖަވާބު ދެމުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރި ނަމަވެސް ހުރިހާ މިނިސްޓްރީތަކުން އެ މައުލޫމާތު ނުލިބޭތީ އެ އަދަދު ކަށަވަރު ކުރެވިފައި ނުވެ އެވެ.












