ފެނަކަ ކޯޕަރޭޝަނަށް ކުށުގެ ރެކޯޑު ސާފުނުކޮށް ވެއްދި މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން އިތުރު މުއްދަތެއް ދީފި އެވެ.
ފެނަކައިން އާދީއްތަ ދުވަހު އެ ކޯޕަރޭޝަންގެ ހުރިހާ ބްރާންޗަކަށް ފޮނުވި އިންޓާނަލް މެމޯއެއްގައި ބުނީ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ ފޯމުތައް ފުރިހަމަކޮށް ފޮނުވުމުގައި ބްރާންޗުތަކަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން, ކުށުުގެ ރެކޯޑު ސާފުކުރާ ފޯމު ފޮނުވުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ މެމޯގައި ވަނީ ބުނެފަ އެވެ.
ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ އެ ކުންފުންޏަށް ފަހުން ވެއްދި މުވައްޒަފުންނަށް ވަކި މުއްދަތެއް ތެރޭގައި ކުށުގެ ރެކޯޑު ސާފުކުރަން އަންގާފައިވާ ކަމަށާއި، މެމޯ ނެރުނީ އޭގެ ތެރެއިން ކުށުގެ ރެކޯޑު ސާފުނުކުރާ މުވައްޒަފުންގެ ރެކޯޑުތައް ސާފުކުރުމަށް އެންގުމުގެ ގޮތުން ކަމަށެވެ.
އަލަށް ވެއްދި މުވައްޒަފުންގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުނުކޮށް ވެއްދީ ކިތައް މުވައްޒަފުން ކަމެއް އަދި މިހާތަނަށް ކުށުގެ ރެކޯޑު ސާފުނުވެ ތިބީ ކިތައް މުއްޒަފުން ކަމެއް މުއާޒް ވިދާޅެއް ނުވެ އެވެ.

"އާންމުކޮށް މުވައްޒަފުން ވައްދާއިރު ވަކި ކޮންޑިޝަންތަކަކަށް މުވައްޒަފުން ވައްދާނެ. މިތާ އެޗްއާރް ޕޮލިސީގައި އޮންނަ ގޮތް އެއީ އަދި ޕޮލިސީއާ ހިލާފެއްވެސް ނުވޭ. މުވައްޒަފުން ވައްދާއިރު އޮންނާނެ ވަކި މުއްދަތެއް ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށް ސެޓްފިކެޓުތައް ހުށަހަޅަން،" މުއާޒް ވިދާޅުވި އެވެ.
ނަމަވެސް މުއާޒް ވަނީ ފެނަކައިގެ އެމްޑީކަމާ ހަވާލުވެ މިދިޔަ ސަރުކާރުން ކުށުގެ ރެކޯޑު ސާފުނުކޮށް އެ ކުންފުންޏަށް ގިނަ ބަޔަކު ވަޒީފާ ދީފައި ހުރިކަމަށާއި، އޭގެ ތެރޭގައި ބޮޑެތި ކުށްވެރިން ހިމެނޭ ކަމަށް ކުރިން ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މިގޮތުން 3،900 އަށްވުރެ ގިނަ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް ފެނަކައިން ވަނީ މިދިޔަ ޑިސެމްބަރު މަހު ފެނަކައިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ހުށަހަޅާފަ އެވެ.
މިދިޔަ މަޖިލިސް އިންތިހާބުގެ ތެރޭގައި ފެނަކައަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވައްދާފަ އެވެ. އަދި ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެ ކުންފުނިން ވަނީ ޕްރޮމޯޝަން ވެސް ދީފަ އެވެ.
އާންމުކޮށް ގިނަ މިނިސްޓްރީތަކާއި، ކުންފުނިތަކުން މުވައްޒަފުން ވަޒީފާއަށް ނަގަނީ ކުށުގެ ރެކޯޑު ސާފުކުރުމުގެ އިތުރުން ސެޓްފިކެޓްތަކުގެ އަސްލު ކަށަވަރުކޮށްގެންނެވެ.













