ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ, މި ގަދަ ކުރިއަށް އޮތް ތިން ދުވަހަށް ދިގުދެމިގެންދާނެ ކަމަށެވެ. ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހަށްދުތަކަށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެެވެ.
"އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުުރުން އެކަށީގެންވޭ" މެޓް އޮފީހުގެ މެސެޖުގައި ބުނެފައިވެ އެވެ.
އެހެންކަމުން މި ދުވަސްވަރު ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފަ އެވެ.
މި އަހަރުގެ ހުޅަނގު މޫސުން ފެށުނު ކަމަށް މެޓް އޮފީހުން ބުނެފައިވަނީ މި މަހުގެ 10 ގަ އެވެ. އޭގެ ފަހުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ގަދަވަޔާއެކު ބޯކޮށް ވާރޭވެހެމުންނެވެ. އެކަމުގެ ސަބަބުން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވުމުގެ އެކި ހާދިސާތައް ވަނީ ހިނގާފަ އެވެ.














