އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ކަރީމް ހާން މިއަދު އެދިވަޑައިގެންނެވީ ނަތަންޔާހޫ އަދި އޭނާގެ ޑިފެންސް މިނިސްޓަރުގެ އިތުރުން ހަމާސްގެ ބައެއް ލީޑަރުން ހައްޔަރު ކުރުމަށެވެ.
ރައީސް މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ.
އެއްވެސް ގައުމަކަށް ބައިނަލް އަގުވާމީ ގާނޫނުތަކަށް ވުރެ މަތި ނުވެވޭނެ ކަމަށާއި، ފަލަސްތީނުގެ ޓެރިޓަރީތަކުގައި އިޒްރޭލުން ހިންގާ ގަތުލު އާންމުގެ އަމަލުތަކާ މެދު ޖަވާބުދާރީކޮށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.
"އައިސީސީގެ ޕްރޮސެކިއުޓަރުން، ނަތަންޔާހޫއާއި އިޒްރޭލާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހޯދާފައިވާނެ ކަމަށް ރާއްޖޭން ޔަގީން ކުރަން، ފަލަސްތީނުގެ ހައްގުގައި، ބައިނަލް އަގުވާމީ މައިދާނުގައި ކުރެވޭ ކޮންމެ ކަމެއްގައި ރާއްޖޭން ބައިވެރިވެ ދެމިއޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރަން އެދިފައި ވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، ގަސްދުގައި މީހުން ހާލުގައި ޖައްސައި، ގަސްދުގައި މީހުން މެރުން، ހަނގުރާމައެއްގެ ތެރެއިން މަދަނީން މެރުން އަދި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާފައިވާތީ އެވެ.
އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން މި ފަހުން މި ފެށި ގަތުލްއާންމުގައި ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިޒްރޭލުން ވަނީ ފަލަސްތީނުގެ ގނަ ހޮސްޕިޓާތައް ބިމާ ހަމަކޮށްފަ އެވެ. އެ ގައުމުން ގެންގުޅެނީ ނަސްލު ނައްތާލުމުގެ އުކުޅުތަކެކެވެ.












