ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި މެއި، 31 ގެ ކުރިން އެ ބިމުގެ ހުސްތަނަށް ވަގުތީގޮތުން ބަދަލު ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
އެޗްޑީސީއިން ބުނީ ހަޓްތައް ހުސްކުރަން އެންގީ މިހާރު ހަޓްތައް ހަދާފައިވާ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދު އިތުރަށް ތަރައްގީ ކުރުމަށް ކަމަށެވެ.
އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އެސިސްޓަންޓް މެނޭޖާ މުހައްމަދު ސިރާޖު "އަދަދު" އަށް ވިދާޅުވީ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދު ޑިވެލޮޕްކޮށް ނިންމުމަށްފަހު، އެތަނުގައި ވިޔަފާރިތައް ކުރުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށެވެ.
ނަމަވެސް ޑިވެލޮޕްކުރާ ތަނުން ހަޓްތައް ދެން ދޭނީ ވަކި އުސޫލެއްގެ ދަށުން ކަމަށާއި، އެ އުސޫލު ހަޓްތައް ޑެވެލޮޕްކޮށް ނިމުމުން ހާމަކުރާނެ ކަމަށް ސިރާޖު ވިދާލުވި އެވެ.
"މިހާރު އެތަނުގައި ވިޔަފާރި ކުރަމުންދިޔަ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލައިގެން އެކަން ކުރިއަށް ގެންދާނީ. އެތަން ޑިވެލޮޕް ކުރުމަށްފަހު ފުރުސަތު ހުޅުވާލާނަން. މަސައްކަތްކުރާ ބިމުގެ ގޯތި ތެރެއިން ހުސްކޮށް އޮތްތަނަށް ހަޓްތައް ބަދަލުކުރަން އެންގީ،" ސިރާޖު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް ކަމަށާއި، ނަމަވެސް އެ ތަނަކީ ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވުމާއެކު، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެޗްޑީސީއިން ބުނެ އެވެ.











