ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމާ ގުޅޭގޮތުން އެ އޮފީހުން ބުނީ، ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް ސައުދީ ފަންޑުން އަބަދުވެސް ދެމުންދާ އެހީތެރިކަމަށް ރައީސް މުއިއްޒު ޝުކުރުއަދާކުރެއްވި ކަމަށެވެ.
އަދި، މިދިޔަ ހަފުތާގައި ރައީސްގެ ދެކަނބަލުންނާއި އެމަނިކުފާނުގެ ވަފުދެއް އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ވަޑައިގެންނެވުމުން އެ ގައުމުން ބެހެއްޓި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައިވެސް ރައީސް ޝުކުރު އަދާކުރެއްވި ކަމަށްވެ އެވެ.
އެ ބައްދަލުވުމުގައި ސައުދީ ފަންޑުގެ ސީއީއޯ ވަނީ ރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ދެއްވާ، ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރާއްޖެއާ ސައުދީއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާމެދުވެސް މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ދިން މައުލޫމާތުގައި ބުނެފައިވެ އެވެ.













