ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ޑިވެލޮޕްމަންޓު ބޭންކު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ޑިވެލޮޕްމަންޓު ބޭންކު އުފައްދަވަން ރައީސް މުއިއްޒު ނިންމެވީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
އެ ކުންފުނި އުފެއްދުމުގެ ބޭނުންތަކުގެ ގޮތުގައި ރައީސް އޮފީހުން ފާހަގަކޮށްފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރުން، ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާދިއްތަ ދުވަހު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އަންނަ ޖުލައި މަހު އެ ބޭންކު ހުޅުވުމެވެ.
"ރާއްޖޭގެ ތާރީހު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ބަދަލުކުރެވޭނެ މަޝްރޫއެއް [ޑިވެލޮޕްމަންޓް ބޭންކަކީ]. އަޅުގަނޑުމެންނަށް، ސަރުކާރުގެ އިތުރަށް ޕްރައިވެޓް ޕްލޭސްމަންޓް ހެދީމަ، އިންވެސްޓާސް މި ބޭންކުގައި އިންވެސްޓް ކުރާނެ ފަރާތްތައް މިހާރު ވެސް އެ އިންޑިކޭޓާސް ނުވަތަ އެ ބޭފުޅުންގެ ބަލައިގަތުން އެބައޮތް ކަން، ނުވަތަ ކޮންފިޑެންސާ އެއްކޮށް އައިސް ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް ދެމުން ގެންދަނީ،" އެ ދުވަހު ސައީދު ވިދާޅުވި އެވެ.

ސަރުކާރުން ބުނާ ގޮތުގައި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމަންޓް ބޭންކެއް ވައްދަން ޖެހުނީ، މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގަ ނެތުމުންނެވެ. އަދި މި ބޭންކު ގާއިމުކުރެވުމުން، ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.












