އެންޓިކޮރަޕްޝަން ކޮމިޝަނުން މިދިޔަ އަހަރު ތަހުގީގުކޮށް ނިންމި މައްސަލަތަކުން ދައުލަތަށް ލިބެން ޖެހޭ 50 މިލިޔަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދަން ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށާއި އެ ފައިސާ ހޯދަން ދައުލަތުގެ އިދާރާތަކުން މަސައްކަތް ނުކުރާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ޓަކައި އިދާރާތަކުން މަސައްކަތްކުރާ މިންވަރު ބަލައި މޮނިޓާކުރަން 2022 ވަނަ އަހަރު ހާއްސަ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އިދާރާތަކުން މަސައްކަތްކުރި ގޮތް ބެލީ އެކޮމިޝަނުން ބުނި ގޮތުގައި، އެ ނިޒާމުގެ ތެރެއިންނެވެ.
" މި ނިޒާމުގެ ތެރެއިން، އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން މިކަމުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ ގާނޫނީ ގޮތުން މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަން ފާހަގަކުރަން،" އޭސީސީގެ ބަޔާނުގަައި ބުންޏެވެ.
އެ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރު ތަހުގީގުކޮށް ނިންމި މައްސަލަތަކުން، ދައުލަތަށް ލިބެން ޖެހޭކަމަށް ނިންމި 50.3 މިލިޔަން ރުފިޔާގެ ތެރެއިން 40.4 މިލިޔަން ރުފިޔާ އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ހޯދަން އަންގާފައިވާ ފައިސާ އެވެ. އެމްޓީސީސީން 8.4 މިލިޔަން ރިފިޔާ ހޯދަން ޖެހޭ އިރު ފެނަކައިން ވެސް ގާތްގަނޑަކަށް 1.4 މިލިޔަން ރުފިޔާ ހޯދަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.














