މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދު، 19، ގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދާ މެދު ހައި ކޯޓުން ގޮތެއް ނިންމަން އަންގައި ސުޕްރީމް ކޯޓުން އޭނާ ބަންދު ކުރަން ދިން ވަގުތީ މުއްދަތު ހަމަވެއްޖެ އެވެ.
ވ. ކެޔޮދޫ، ދޭލިޔާގޭ މޫސަ މަރާލި މައްސަލާގައި، އދ. މާމިގިލީ ސޭޑީގްރޯވް، ސައްމާހުގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ 23، ގައި ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން ބަންދުގެ އަމުރެއް ނެރެނުދިނެވެ. ދައުލަތުން ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.
ސުޕްރީމް ކޯޓުން މީގެ ހަތް ދުވަސް ކުރިން ނިންމީ އޭނާ ބަންދު ނުކުރަން ނިންމީ ގޯސްކޮށް ކަމުން އެ ކަމުގައި އަލުން ގޮތެއް ނިންމުމެވެ. އަދި އެ ކަމަށް، ސައްމާހު ވަގުތީ ގޮތުން ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ ވަގުތީ މުއްދަތެއް ދިނެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އެ މުއްދަތު މިއަދަށް ހަމަވާތީ މިއަދު ރަސްމީ ވަގުތު ނިމުމުގެ ކުރިން އަޑުއެހުމެއް ބާއްވައިދިނުމަށް ހައި ކޯޓުގައި ތަކުރާރުކޮށް އެ އޮފީހުން އެދުނު ކަމަށެވެ. އެކަމަކު ހައި ކޯޓުން ހަތް ދުވަހުގެ މުއްދަތުގައި ގޮތެއް ނުނިންމުމުން އޭނާ ބަންދުން ދޫވެފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މި މަރުގެ މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.
ސެޕްޓެމްބަރު 24، 2017 ވަނަ ދުވަހު ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކާއި ގުޅިގެން މޫސާ ހޮސްޕިޓަލަށް ގެނައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.












