ހުޅުމާލޭގެ ފޭސް 1، އަދި 2 ގުޅޭ ތަނާއި ފޭސް2، އަދި އާބަން އައިލް ގުޅޭ ތަނުގައި ކޮނެފައިވާ ދެ ޗެނަލާއި އެ ދެ ޗެނަލް ހުރަސްކޮށް އަޅާފައިވާ ބްރިޖްތައް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ހުޅުމާލެ ފޭސް 1، އާއި ފޭސް2، ގުޅޭ ތަނުގައި ފޭސް 2، ފަޅީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޗެނަލްތަކާއި ބްރިޖްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓް ފަންޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރް އަބްދުއް ރަހުމާން އަލް މަޝްއަދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ހަތަރު ބްރިޖާއި ފޭސް ދެއަކާ އާބަން އައިލް ގުޅުވައިދޭ ބްރިޖަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އަގުހުރި ހިދުމަތެއް ކަމަށެވެ. އެއީ ހުޅުމާލެއަށް ތަރައްގީގެ ގޮތުން ގެނުވި އިންގިލާބެއް ކަަމަށް އޭނާ ސިފަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ހުރި ބްރިޖްތަކާއި ޗެނަލްތަކުގެ އިތުރުން ބަނދަރުތަކާއި ބީޗްތައް ވެސް ސައުދީ ފަންޑުގެ އެހީގައި އަންނަނީ ތަރައްގީކުރަމުންނެވެ. އެކަމަށް ޓަކައި އޭނާ ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓަށާއި އެ މަސައްކަތްތަކުގެ އެހެން ބައިވެރިންނަށް ޝުކުރު އަދާކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ސީއީއޯ އަބްދުއް ރަހުމާން އަލް މަޝްއަދު ވިދާޅުވީ ހުޅުމާލޭގެ ތަރައްގީއަށް ހިންގި މި މަޝްރޫއާއި މިއަދު ބޭއްވި ރަމިއްޔާތަކީ ރާއްޖޭގެ ތަރައްގީއަށް ސައުދީ އެހީތެރިވާން ސައުދީ ފަންޑުން ތައްޔާރަށް އޮތް މިންވަރު ދައްކައިދޭ ކަމެއް ކަމަށެވެ.

އެެއީ ތަރައްގީގެ މަގުގައި ރާއްޖެއާއި ސަައުދީ އަރަބިއްޔާގެ 47 އަހަރުވީ ގުޅުމުގައި ހާސިލުވި ފާހަގަކޮށްލެވޭ މައިލް ސްޓޯން އެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ހުޅުމާލޭގެ ދެ ފޭސް ގުޅުވައިދޭ ބްރިޖްތައް މިއަދު އިފްތިތާހު ކުރި ނަމަވެސް އެ ބްރިޖްތައް ބޭނުންކުރާތާ މިހާރު އެތައް ދުވަހެއް ވެއްޖެ އެވެ. އެހެން ނަމަވެސް ފޭސް ދެއަކާއި އާބަން އައިލްއާ ދެމެދު އަޅާފައިވާ ބްރިޖްގެ ދަށުން ޗެނަލް ހެދުމުގެ މަސައްކަތް އަދި މުޅިން ނުނިމެ އެވެ. އެ މަޝްރޫއުތަކަށް ސައުދީ ފަންޑުން 80 މިލިޔަން ޑޮލަރު ހޭދަކުރި އެވެ.











