ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓް ކުރުމުގެ (ގުނަވަން އިންދުމުގެ) ހިދުމަތް ފަށަން އެކަމާ ބެހޭ ބިލަށް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ ގުނަވަން އިންދުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިގެން, ގާނޫނެއްގެ ތެރެއިން ހަރުދަނާ އުސޫލުތަކަކާއެކު ނޫނީ ކުރެވޭ ކަންތައްތަކެއް ނޫން ކަމަށެވެ.
އެހެންކަމުން, އެކަމާބެހޭ ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން އެކަމާ ގުޅުން ހުރި އެކި ފަރާތްތަކާ ގުޅިގެން. ގާނޫނު އަޅުގަނޑުމެން މި ބަލަނީ, އަލަށް އަންނަ މަޖިލީހުގެ ތެރެއިން ވުޖޫދު ކުރެވޭނެ ކަމަށް," މިނިސްޓަރު ހަލީލު ފާހަގަ ކުރެއްވި އެވެ.
ގުނަވަން އިންދުމާ ބެހޭ ގާނޫނެއް ވުޖޫދު ކުރެވުމުން އެ ހިދުމަތް ވެސް ރާއްޖޭގައި ގާއިމުވެގެންދާނެކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ, ރާއްޖޭގެ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން އެ ހިދުމަތް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގުނަވަން އިންދުމާ ބެހޭ ގާނޫނެއް ނުވަތަ އުސޫލުތައް މިހާރުން މިހާރަށް ނައި ނަމަވެސް, ގުނަވަން ބަދަލުކުރަން ޖެހޭ އަދި އެކަމަށް ބޭނުންވާ މީހުންނަށް އެކަމަށް ބޭނުންވާ ފައިސާ އަދި އެހެނިހެން ލުއިކަން ސަރުކާރުން މިހާރު ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
ޕްރައިވެޓް ހޮސްޕިޓަލްތަކުން ގުނަވަން އިންދުމުގެ ހިދުމަތް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއިރު, އިއްޔެ ޓްރީޓޮޕް ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުން ވަނީ ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ފެށުމަށް ބޭނުންވާ ރެގިއުލޭޝަންތައް ހެދުމުގައި ލަސްވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.













