އުމްރާ ކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިރޭ މާލެ ވަޑައިގަނެފި އެވެ.
ރައީސްގެ ދެކަނބަލުން ސައުދީއަށް ފުރާވަޑައިގަތީ މިދިޔަ ހުކުރު ދުވަހެވެ. އެ ދަތުރަކީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހްމާންދާރީގެ ދަށުން ކުރެއްވި ދަތުރެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ދަތުރުގައި ރައީސް ވަނީ ސައުދީ އަރަބިއްޔާގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި މަދީނާގެ މުހިންމު ބައެއް ކަލްޗަރަލް ސަރަހައްދުތަކަށް ވެސް އެމަނިކުފާނު ޒިޔާރަތް ކުރެއްވި އެވެ.
ރައީސްގެ ދެކަނބަލުންނާއެކު އެ ދަތުރުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު މުހައްމަދު ލަތީފް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް އާއި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް އާއި މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަބްދުﷲ ނާސިރު ވަޑައިގެންނެވި އެވެ.











