ދަރިމައިވުމާ ގުޅޭ ފަރުވާއެއް ކަމަށްވާ އައީވީއެފްގެ ފަރުވާތައް އާސަންދަ ހެލްތު ސްކީމުގެ ހޯދުމަށް އެދި ފޯމު ހުށަހަޅަން ދިން ފުރުސަތު އިތުރުކޮށްފި އެވެ.
މާޗު 15, ގައި މި ފަރުވާއަށް އެދުމުގެ ފުރުސަތު ހުޅުވައިލީ އެ ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވަނީ ޖުލައި 31, ގެ މެންދުރު 02:00 އާ ހަމައަށް ސުންގަޑި ދަންމާލާފަ އެވެ.
މެއި 15, އާ ހަމައަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "އައިޔޫއައި އަދި އައިވީއެފް ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީ ހަމަޖެހޭނެ ކަމަށް އެންސްޕާގެ އިއުލާނުގައި ވެ އެވެ.
ހުށަހަޅާ ފޯމުތަކުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން މި އަހަރު އައިވީއެފް ހިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައި ވަނީ އެންމެ މަތިން ޕޮއިންޓު ލިބޭ 100 ދެމަފިރިންނަށެވެ.
އާސަންދައިގެ ދަށުން އައިވީއެފް ހިދުމަތް ލިބިގަނެވޭނީ ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލް ކުރެވޭ މަރުކަޒުތައް މެދުވެރިކޮށެވެ.

އައިވީއެފްގެ ހިދުމަތް ހޯދުމަށް ފޯމު ހުށަހަޅަން ޖެހެނީ އެ ފަރުވާ ބޭނުންވާ ކަމަށް ބުނާ ޑޮކްޓަރުގެ ލިޔުމަކާއި, ކުށާއި ދަރަނީގެ ރިޕޯޓާއި, ދެމަފިރިންގެ މުސާރައާއި އިނާޔަތްތައް އެނގޭނެ ރަސްމީ ލިޔުމެއްގެ އިތުރުން ހަ މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް އަދި ކުރިން ހޯދާފައިވާ އައިވީއެފް ޓްރީމަންޓާ ބެހޭ ސިއްހީ ލިޔެކިއުންތަކުގެ އިތުރުން ކައިވެނީގެ ސެޓްފިކެޓާއި އައިޑީކާޑާއެކު އެވެ.
އައިވީއެފް ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް އެންސްޕާއަށް ނުވަތަ އައިޖީއެމްއެޗް, ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސްގެ ހަތަރުވަނަ ފަނގިފިލާގައި ގާއިމްކޮށްފައިވާ އެންސްޕާ ކައުންޓަރުތަކަށެވެ.












