މި މަހުގެ ފުރަތަމަ ދެ ހަފުތާގައި ޑެންގީ ހުން ޖެހިގެން ރާއްޖެއިން 244 މީހުން ރިޕޯޓުކޮށްފި އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިއަހަރުގެ މާޗް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރީ 119 މީހުންނެވެ. އެއަށްވުރެ ދެ ގުނަ އިތުރަށް, މިމަހުގެ ފުރަތަމަ ދެ ހަފްތާގައި 244 މީހުން ވަނީ ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ އަހަރު އޭޕްރީލް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރީ ޖުމްލަ 330 މީހުންނެވެ.
ޑެންގީ ހުން ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު, މިހާރު މިބަލި އެންމެ ގިނައިން ފެންނަމުން ދަނީ މާލެ ސަރަހައްދުގެ އިތުރުން ހދ. އަތޮޅާއި ނ. އަދި ކ. އަތޮޅުންނެވެ.
ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމާ ދިމާކޮށް, އޭޕްރީލް އަދި މެއި މަހު ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވެ އެވެ.

ޑެންގީ ފެތުރެނީ، ޑެންގީ ވައިރަސް ހަށިގަނޑުގައި ހިމެނޭ އަންހެން އީޑީޒް މަދިރި އިންސާނުންގެ ގައިގައި ހެފުމުންނެވެ. ގާތްގަނޑަކަށް ހަތަރު ހަފުތާގެ އުމުރުގައި އީޑީޒް މަދިރި، އިންސާނުންގެ މެދުގައި ބަލުފަތުރަމުން ދެ އެވެ.
ޑެންގީގެ އިތުރުން, މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޗިކުންގުންޔާ ވެސް ރާއްޖޭގައި އަންނަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ.
ޗިކުންގުންޔާ ފެތުރެނީ ޑެންގީ އެކޭ ދާދި އެއްގޮތަށް, އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް, ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމުންނެވެ. މަދިރި ހަފާތާ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށަ އެވެ.
ޗިކުންފުންޔާ އާއި ރައްކާތެރިވެވޭނީ ބަލި ފަތުރާ އީޑީސް މަދިރި އާލާވާފަދަ ތަންތަނާއި ތަކެތި ނައްތާލުމާއި މަދިރިހެފުމުން ރައްކާތެރިވެގެންނެވެ.
މަދިރި ހެފުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
- ވީހާވެސް ނިވާކަންބޮޑު ހެދުންލުން
- މަދިރި ލޯޝަން ބޭނުން ކުރުން
- ކުޑަދޮރު ފަދަ ތަންތާނގައި މަދިރި ދާ ޖެހުން
- މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމުގައިވާ ހެނދުނާއި ހަވީރު ގޭގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
ފެން ހަރުވާ ކޮންމެ ތަނެއްގައި ނުވަތަ އެއްޗެއްގައި އީޑީސް މަދިރި ބިސްއަޅާ އާލާވެ އެވެ. ފެން ހަރުލާފައިވާ ތަނެއްގައި އީޑިސް މަދިރި ބިސް އަޅައިފި ނަމަ, އެ ތަނަކުން ނުވަތަ އެއްޗަކުން ފެން ހުސްކުރި ނަމަވެސް މަދިރީގެ ބިސް ހަރުލާފައި ހުރެ އެވެ. އަދި އެ ބިސް, ހަ މަސް ދުވަހަށްވުރެ ގިނަ ދުވަހު ހުރެ އެވެ.
އެހެންކަމުން ގެ އާއި ގޯތިތެރޭގައި ފެން ހަރުލާގޮތަށް ހުންނަ ތަންތަނާއި ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން މުހިންމެވެ.













