ޖަމާލުއްދީން ސްކޫލުގެ ކްލާސް ރޫމްތަކަށް ހޫނުގަދަވާތީ ފަންކާ ބަހައްޓަން ބެލެނިވެރިންގެ އެހީއަށް އެދުނު މައްސަލަ ބޮޑުވެ، ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަދުވެގެން ދެ އަހަރު ތެރޭގައި ސަރުކާރު ސްކޫލްތަކުގެ ކްލާސް ރޫމްތައް އޭސީކޮށް ނިންމާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، ދެ އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނަން. ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މެއި މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާނަން،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ޖަމާލުއްދީން ސްކޫލުން މި ހަފުތާގައި ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި އެދިފައި އޮތީ ކްލާސް ރޫމްތަކުގައި ފަންކާ ބަހައްޓަން ބޭނުންވާތީ، ފަންކާ ހަދިޔާ ކުރަން ބޭނުންވާ ބެލެނިވެރިން ފަންކާ ހަދިޔާ ކުރުމަށް އެދިފަ އެވެ.
"ކްލާސް ރޫމްތައް ވަރަށް ހޫނު ގަދަ. ސްކޫލުން މި މަސައްކަތް ކުރަނީ ކޮންމެ ކްލާހަކަށް ފަންކާއެއް ހޯދަން. ބެލެނިވެރިންނަށް ކޮންޓްރިބިއުޓް ކުރެވޭނެ، އެއް ފަންކާ ވިޔަސް،" އިނގިރޭސިން ލިޔެފައި އިން މެސެޖެއްގައި އެއް ގްރޫޕުގައި ލިޔެފައިވެ އެވެ.

ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސް ރޫމްތައް ފިނި ކުރަން ނިންމިއިރު، ހޫނުގަދަ ކްލާސްރޫމްތައް ފިނި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ތެރޭގައި އިދާރާތަކަށް އަންގަވައިފަ އެވެ.
"އާދެ، އަޅުގަނޑު މިހާރު ވާނީ އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިގޮތަށް ހުރި ސްކޫލް، ކްލާސް ރޫމްތަކުގެ މާހައުލު ރަނގަޅުކޮށްދޭން. އެއީ، އޭސީ ހަރުކޮށްގެން، ނޫނީވިއްޔާ ފިނިކުރެވޭނެ ކޮންމެވެސް ކަހަލަ ނިޒާމަކުން ފިނިކުރުމަށް. ވަރަށްގިނަ ސްކޫލްތަކުން އާދޭ ރިކްއެސްޓް. އެހެންވީމާ، އެ މަސައްކަތް އެބަ ކުރަން،" ފެބްރުއަރީ 2، ގައި ހދ. މަކުނުދޫގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ހޫނުގަދަ ކްލާސް ރޫމްތައް ފިނި ކުރަން ރައީސް މުއިއްޒު އެންގެވީ މަކުނުދޫގެ ކްލާސް ރޫމްތަކުގައި އޭސީ ހަރު ކުރަން އެ ސްކޫލްގެ ދަރިވަރުންތަކެއް އެދުމުންނެވެ.
"އަޅުގަނޑާ ސަލާންކުރަން ސަފުގައި ތިބި ވަރަށްކުޑަ ކުދިންތަކެއް، ސްކޫލް ކުދިންތަކެއް، އަޅުގަނޑާ ސަލާންކުރަމުން ދިޔައިރު، އެކުދިން އެދުނީ، ތިމަންނަމެންގެ ކްލާސްރޫމްތައް ވަރަށް ހޫނޭ، އޭސީ ކޮށްލައިދޭށޭ. އެއީ، އެ ކުދިން އަޅުގަނޑު ގާތު ސިއްރު ސިއްރުން ބުނި ވާހަކައަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.












