މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނަށް ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރު އެ ކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފުންނާ ހައްޖު ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އެވެ.
ހައްޖު ދަތުރު ލިބުނު މުވައްޒަފުންނާ ވާހަކަދައްކަވަމުން ވަޖީހް ވަނީ ހުރިހާ މުވައްޒަފުންނަށް ވެސް މަރުޙަބާ ވިދާޅުވެ، މަބްރޫރު ހައްޖަކަށް އެދިވަޑައިގެންފަ އެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ:
- އިލްޔާސް މުހައްމަދު – އެސިސްޓަންޓް އެގްޒެކުޓިވް
- އަޙްމަދު ރަޝާދު – ސްޕެޝަލިސްޓް އިންޖިނިއާ
- އަހްމަދު އުންމީދު – ސާވިސް އިންޖިނިއާ
- މުހައްމަދު ނަބީލް – އޮޕަރޭޝަންސް އެގްޒެކުޓިވް
- ޒަކަރިއްޔާ އިބްރާހިމް – ލީޑް އެގްޒެކުޓިވް
އެމްޕީއެލްގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް ފަސް މުވައްޒަފުން ހައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ހަރަދުގައި ފޮނުވަ އެވެ. އަދި ތިން މުވައްޒަފުން އުމްރާގެ އަޅުކަމަށް ކުންފުނީގެ ހަރަދުގައި ފޮނުވަ އެވެ.












