ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުތަކުން ދިން ޑިސްކައުންޓުގެ ފައިދާއެއް ނުކުރާ ކަމުގެ ޝަކުވާތަކާއެކު ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން، ކަރަންޓު ބިލުން އިތުރު ޑިސްކައުންޓެއް ދޭން ސްޓެލްކޯއިން ނިންމައިފި އެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ ރޯދަ މަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ނިންމައި، މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް މުރާޖާކުރުމަށް ފަހު ކަސްޓަމަރުންނަށް ފޮނުވާނެ ކަމަށެވެ.
މީގެ ކުރިން މި މައްސަލައިގައި ފަހުމީ ވަނީ ޑިސްކައުންޓް ދެވިފައި ހުރީ ރަނގަޅަށް ކަމަށް ވިދާޅުވެ، ބިލުތަކަށް ޑިސްކައުންޓު ދިން ގޮތް ދިފާއުކުރައްވާފަ އެވެ.
އެގޮތުން، ޔުޓިލިޓީ ޑިސްކައުންޓާ ގުޅޭ ގޮތުން ޝަކުވާތައް ގިނަވުމުން މައުލޫމާތު ދޭން ބޭއްވި އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ޑިސްކައުންޓު ލިބުނު ދުވަސްތަކުގެ ތެރޭގައި ރޯދަ މަހުގެ ގިނަ ދުވަސްތައް ހިމެނޭ ކަމަށެވެ.
އެ ދުވަހު ސްޓެލްކޯގެ އެމްޑީ ވިދާޅުވީ އެ ކުންފުނިން ދިން ކަރަންޓާއި ފެން ބިލުތަކުގެ ޑިސްކައުންޓުގެ އަގު 20 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ސަރުކާރުން ދިން ޔުޓިލިޓީ ޑިސްކައުންޓުތަކުގެ މައްސަލައިގައި އާންމުންގެ ޝަކުވާ ބޮޑުވީ ޑިސްކައުންޓާ އެކީ ވެސް ބިލުތައް މާ ބޮޑު ކަމަށާއި ޑިސްކައުންޓު ލިބުނު މުއްދަތުގެ ތެރޭގައި ރޯދަ މަހުގެ ދުވަސްތައް ނުހިމެނޭ ކަމަށް ބުނެ އެވެ.












