ރާއްޖެއިން އަށް ގައުމަކަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުން ދީފި އެވެ.
ސަފީރުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅިތާ ގިނަ ދުވަތަކެއް ފަހުން ޔޫއޭއީ, އިނގިރޭސިވިލާތް, ލަންކާ, މެލޭޝިޔާ, ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަން އަދި ސިންގަޕޫރު ސަފީރުންނަށް ރުހުން ދިނީ މިއަދެވެ.
އޭގެ އިތުރަށް ޔޫއެންއަށް ރާއްޖެއަށް ކަނޑައަޅާ ދާއިމީ މަންދޫބާއި ޖެނީވާގައި ހުންނަ ޔޫއެން އޮފީހަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަށް ވެސް މިއަދު ރުހުން ދީފައިވެ އެވެ.
މި ހުރިހާ ސަފީރުންނަށް ވެސް މަޖިލީހުން ރުހުން ދިނީ, ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
- ޔޫއޭއީގެ ސަފީރު - މުހައްމަދު ހުސެއިން ޝަރީފު (މުންދު)
- ޔޫއެންގެ ދާއިމީ މަންދޫބު - ޑރ. އަލީ ނަސީރު މުހައްމަދު
- އިނގިރޭސިވިލާތުގެ ސަފީރު - ޑރ. އިރުތިޝާމް އާދަމް
- ސްރީލަންކާގެ ސަފީރު - މަސްއޫދު އިމާދު
- މެލޭޝިޔާގެ ސަފީރު - ޑރ. މަރިޔަމް ޝަބީނާ އަހުމަދު
- ބެލްޖިއަމް, ޔޫރަޕިއަން ޔޫނިއަންގެ ސަފީރު - ގީލާ އަލީ
- ޖެނީވާ ޔޫއެން އޮފީހުގެ ދާއިމީ މަންދޫބު - ޑރ. ސަލްމާ ރަޝީދު
- ސިންގަޕޫރު ސަފީރު - މުހައްމަދު ލުވެއިޒް
ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް މަޖިލީހުން ރުހުން ދިނީ, ސަފީރުންނަށް ރުހުން ދިނުން ލަސްވެގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މިދިޔަ ހަފުތާގައި ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ލ. އަތޮޅަށް ވަޑައިގެން ރައީސް ވަނީ, މިހާރު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެފަ އެވެ.











