ރާއްޖެއަށް ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވެ, ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކަށް މައާފުދީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލީ ދުވަހު މިނިވަންކޮށްފި އެވެ.
މައާފު ދިނުމަށް ފަހު ކްލެމެންސީ ބޯޑުން މިނިވަން ކުރީ ރާއްޖެއަށް ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 15 އަހަރު ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ. އޭނާއަށް މައާފުދީ މިނިވަން ކުރީ މިދިޔަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނެގުން ކުރިއަށް ދަނިކޮށެވެ.
ކަނޑި ގެންގުޅުނު މައްސަލާގައި އެ މީހާއަށް ދައުވާ ކުރީ ޖުލައި، 2008، ގައި އޭނާގެ އަތުގައި ތިން ފޫޓު ހުންނަވަރުގެ ކަނޑިއެއް އޮތްތަން ފުލުހަކަށް ފެނުމުންނެވެ. އެ މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރެވެ.
އެއަށް ފަހު, އެ މައްސަލަ އިސްތިއުނާފު ކުރުމަށް އޭނާ ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް, ހައިކޯޓުން ނިންމީ އެ މައްސަލާގައި އޭނާ 15 އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށެވެ.













