ހަވީރަށް މަޑުނުކޮށް އަވަހަށް ވޯޓުލާން ނުކުތުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ގާނޫނޫ އަސާސީން ލިބިފައިވާ ހައްގެއް އަދި ޒިންމާއެއް ކަމަށެވެ.
އެގޮތުން ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ރައްޔިތުން ވެސް އަވަހަށް ނުކުމެ ވޯޓުލާން ރައީސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
"ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ހުރިހާ ރައްޔިތުންވެސް ނިކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރައްވާށޭ. ހަވީރު ވަންދެން މަޑުނުކުރައްވާ އެބޭފުޅަކު ވޯޓުލާންޖެހޭ މަރުކަޒަކަށް ވަޑައިގަނެ ވޯޓުލެއްވުމަކީ ރައްޔިތުންގެ ޒިންމާއެކޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ އިންތިހާބުގެ ވޯޓުލުން ފެށީ އިލެކްޝަންސް ކޮމިޝަންގެ ތާވަލާ އެއްގޮތަށް 8:00 ގަ އެވެ. މިއަދުގެ ވޯޓުލުން ރަސްމީކޮށް ބަންދުކުރާނީ ހަވީރު 5:30 ގަ އެވެ. ނަމަވެސް ވޯޓު ކިއޫ އޮތްނަމަ ވޯޓުލުން ކުރިއަށް ގެންދާނެ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.

މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. ރާއްޖެއިން ބޭރުގައި މިއަދު ވޯޓުލުން ކުރިއަށްދާނީ ލަންކާ، އިންޑިއާ އަދި މެލޭޝިއާގަ އެވެ.













