އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ އާއި ޕްރޮމޯޝަން ދެމުންދާކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.
ވޯޓުލުމަށް މިހާރު ބާކީ އެއް ދުވަސް އޮތްއިރު ގިނަ ކުންފުނިތަކަކުން އަވަސް އަރުވާލައިގެން "ސިލެކްޓެޑް މުވައްޒަފުންނަށް" ޕްރޮމޯޝަން ދީފައިވާކަން "އަދަދު" ނޫހަށް ލިބިފައިވާ މައުލޫމާތުތަކުން ވަނީ ޔަގީން ކުރެވިފަ އެވެ.
އެކި މަސްދަރުތަކުން ބުނި ގޮތުގައި މިފްކޯގެ 100 އަށްވުރެ ގިނަ މުވައްޒަފުންނާއި, ސްޓެލްކޯގެ 60 އަށްވުރެ ގިނަ މުވައްޒަފުންނާއި, ފެނަކައިގެ 100 އާ ގާތް ކުރާ އަދަދެއްގެ މުވައްޒަފުންނާއި, އެމްއޭސީއެލް އަދި އެޗްޑީސީގެ ގިނަ މުވައްޒަފުންތަކަކަށް ވެސް މި ހަފުތާގައި ވަނީ ޕްރޮމޯޝަން ދީފަ އެވެ.
މީގެތެރެއިން ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސަމާލުކަމަށް އައިސްފައިވާކަން ވެސް ވަނީ އެނގިފަ އެވެ. އަދި, ބައެއް މައްސަލަތައް ރަސްމީކޮށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް, އެ މައްސަލަތަކާ ގުޅިގެން އަމަލުކުރަން އަންގާފައިވާ ގޮތް އޭސީސީން ހާމައެއް ނުކުރެ އެވެ. މައުލޫމާތެއް ނުދެ އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި މިފްކޯއިން ޕްރޮމޯޝަން ދީފައި ވަނީ ފެލިވަރާއި ކޫއްޑޫގައި މަސައްކަތްކުރާ ކައިރި ރަށްތަކުގެ މުވައްޒަފުންތަކަކަށެވެ.

ފެލިވަރުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންނަކީ ޅ. ނައިފަރާއި ހިންނަވަރުގެ ރައްޔިތުން ކަމަށްވާއިރު، ކޫއްޑުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންނަކީ ގއ. ވިލިނގިލި، މާމެންދޫ، ކޮލަމާފުށި އަދި ދާންދޫއަށް ނިސްބަތްވާ މީހުންނެވެ.
އެހެން ކުންފުނިތަކުން ވެސް ވަޒީފާ ދިނުމުގައި ވޯޓަށް ނުފޫޒު ފޯރުވޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކަމުންދާ މައްސަލަ އާއި އެންޓި ކެމްޕޭން ކުރުމުގެ މައްސަލައިގެ އިތުރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިންކުރާ މައްސަލަ އިލެކްޝަންސްއަށް ވަނީ ހުށަހަޅައިފަ އެވެ.
titledesc













