ޔާމީން މިނިވަންވެވަޑައިގަތުމުން ރައީސް މުއިއްޒު އާއި ސަރުކާރުގެ ވެރިން ވެސް މަރުހަބާ ވިދާޅެއް ނުވި!

ރިޔާށީ ކެމްޕޭނު ތެރޭގައި ބޭއްވި ޖަލްސާއެއްގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު ފައިލް

ރިޔާށީ ކެމްޕޭނު ތެރޭގައި ބޭއްވި ޖަލްސާއެއްގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް އިއްޔެ ހައި ކޯޓުން ބާތިލު ކުރިތާ ވިއްސަކަށް ގަޑިއިރު ފާއިތުވެގެންދިޔަ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އަދި ޔާމީނުގެ ހައްގުގައި މީގެ ކުރިން އަޑު އުފުލި، މިހާރު ޕީއެންސީގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުން ވެސް އެމަނިކުފާނަށް މަރުހަބާ ވިދާޅެއް ނުވެ އެވެ.

ނަމަވެސް އެ ބޭފުޅުންނަކީ މީގެ ކުރިން ޔާމީނުގެ ހައްގުގައި ނޫނީ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ލައިވް ޓީވީގައި ވައުދުވެވަޑައިގެންފައިވާ ބޭފުޅުންނެވެ.

މިހާރު ޕީއެންސީގެ ލީޑަޝިޕުގައި 13 ބޭފުޅަކު ތިއްބަވަ އެވެ. އެ ޕާޓީގެ އެންމެ އިސް ލީޑަރެއްގެ މަގާމުގައި ހުންނެވީ ރައީސް މުއިއްޒު އެވެ. މި ވަގުތާ ހަމައަށް އެމަނިކުފާނު ޔާމީނަށް މަރުހަބާ ވިދާޅުވެފައި ނުވާއިރު، ރޭ އެމަނިކުފާނު ވަނީ ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި ބަރާބަރު 30 މިނެޓު ވަންދެން ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވައިފަ އެވެ. ނަމަވެސް އެ ވާހަކައިގައި އެމަނިކުފާނު ޔާމީނުގެ ނަން ވެސް ވިދާޅުނުވެ އެވެ.

އެ ލިސްޓުގައި ދެން އެންމެ އިސްކޮށް ނަން ހިމަނާފައި ވަނީ ޔާމީނުގެ އެންމެ އަރިހުގައި މީގެ ކުރިން މަސައްކަތް ކުރެއްވި، މިހާރުގެ އިސް ވަޒީރު، އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ. އޭގެތެރެއިން އަބްދުއްރަހީމް އިއްޔެ ޔާމީނު މިނިވަންވުމާ ގުޅިގެން އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ. ނަމަވެސް އެ ޕޯސްޓު ހާއްސަ ކުރެއްވީ ރައީސް މުއިއްޒުއަށް ސަނާ ކިޔުމަށެވެ. އަބްދުއްރަހީމް ލިޔުުއްވި ޕޯސްޓުގައި ޔާމީނުގެ ނަން ވެސް ނެތެވެ.

"ޝުކުރިއްޔާ ރައީސް ޑރ.މުޢިއްޒު! ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށް ދެއްވައިފީމު. ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށް ވެސް ތަފާތު ކުރުމެއް ނެތި އަދުލު އިންސާފު ލިބޭނެކަން މަނިކުފާނު ކަށަވަރުކޮށް ދެއްވައިފީމު."

"ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފީމު. ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ އަމަލާ ދިމާވާ ވެރިން،" އޭނާ ވިދާޅުވެފައިވެ އެވެ.

ޔާމީނުގެ ވެރިކަމުގައި ވެސް އޭގެ ފަހުން ވެސް އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅުންގެ ތެރޭގައި ހިމެނޭ މި ސަރުކާރުގެ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފު ޔާމީނަށް އަދިވެސް މަރުހަބާއެއް ނުދަންނަވަ އެވެ.

ޕީއެންސީ ލީޑަޝިޕުގައި ދެން ހިމެނޭ، ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމާއި މުހައްމަދު ސައީދުއާއި މުހައްމަދު ހުސެއިން ޝަރީފްގެ (މުންދު) އިތުރުން އިބްރާހިމް ސުޖާއު އަދި މުހައްމަދު ނިމާލް ވެސް ޔާމީނަށް އަދި މަރުހަބާ ވިދާޅެއް ނުވެ އެވެ.

އޭގެއިތުރުން ޕީއެންސީ ލީޑަޝިޕުގައި ހިމެނޭ ގައްސާން މައުމޫން އާއި އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވެސް ޔާމީނަށް މަރުހަބާ ވިދާޅެއް ނުވި އެވެ.

ޕީއެންސީ ލީޑަޝިޕުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ޔާމީނު މިނިވަންވެވަޑައިގަތުމުން އެމަނިކުފާނަށް ހަމައެކަނި މަރުހަބާ ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު، އަހުމަދު ތޯރިގުއާއި ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އެވެ.

ސަރުކާރަށް ކްރެޑިޓެއް ނެތް!

ކަންކަން މިހެން ހުރިއިރު، ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނު ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މުހާތަބު ކުރީ "ރައީސް ޔާމީން އެންޑޯޒް ކުރެއްވި ކެންޑިޑޭޓު" ގެ ނަމުންނެވެ. ޖަލީސާއިންގެ ކުރީ ސަފުގައި ހުންނަ ހުސްގޮނޑީގައި ހުންނަނީ "ރައީސް ޔާމީން" ޖަހައިފަ އެވެ. ރައީސް މުއިއްޒު އޭރު ވާހަދައްކަވަން ފަށްޓަވަނީ ވެސް ބިސްމިއަށްފަހު ރައީސް ޔާމީންގެ ނަމާއި އެމަނިކުފާނު ޖަލުގައި ހުންނެވި ދުވަހުގެ އަދަދު ވިދާޅުވަމުންނެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ކެމްޕޭނުގެ އެކި ހަރަކާތްތަކުގައި 749 ފަހަރު ޔާމީނުގެ ނަންފުޅު ރައީސް މުއިއްޒު ވިދާޅުވި އެވެ. އެންމެ ބޮޑު ވައުދެއްގެ ގޮތުގައި އޮތީ ވެސް ރައީސް ޔާމީން މިނިވަން ކުރުމެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު އެ ވާހަކަތައް ވިދާޅުވަމުންދިޔަ ރާގު މުޅީން ބަދަލުވި އެވެ.

ޔާމީނު މިނިވަންވެވަޑައިގެންނެވުމުން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ބަދަލުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބޭފުޅުން ގެންދަވަނީ ރައީސް މުއިއްޒުއަށް އެކަމުގެ ކްރެޑިޓް ދެއްވައި ރައީސްއަށް ޝުކުރު ދަންނަވަމުންނެވެ.

ނަމަވެސް އެކަމަށް ޔާމީނު ވަނީ އިއްޔެ މިނިވަންވެވަޑައިގެން ހޫނު ރައްދެއް ދެއްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ޝަރީއަތްތައް ލަސްވުމާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމު ކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީން މަތިކޮށްފައި އޮތް 115 ވަނަ މާއްދާގެ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި މައްސަލަތައް އަވަސް ކުރުމަށް އިރުޝާދު ދިނުމަކީ އޭނާ ކުރަންޖެހޭ ކަމެއް، އެއީ ހަމަ ގާނޫނުގެ ބާރު ދެމެހެއްޓުން، ގާނޫނު ނެގެހެއްޓުން އެއީ، އެއީ އޭނާ ކުރަންޖެހޭ ކަމެއް، އެހެންވީމާ އޭނާ ކުރަންޖެހޭ ކަމެއް ނުކުރައްވައިގެން މިއުޅެނީ،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ އެއްގޮތަކަށް ވެސް މިއަދު މިކަން ހިނގައިގެން މިކަމުގެ ކްރެޑިޓް ނަގަން އުޅުއްވާނެ ކަމެއް ނެތް، އަޅުގަނޑުމެން ދިވެހި ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ."

ޔާމީނު މިނިވަންވެވަޑައިގަތުމުން އެކަމުގެ ޝުކުރު ރައީސް މުއިއްޒުއަށް ބައެއް ބޭފުޅުން ދަންނަވަމުން ދާކަން ފާހަގަ ކުރައްވައި ޔާމީނު އިއްޔެ ވަނީ އެމަނިކުފާނު މިނިވަންވެވަޑައިގަތުމުން އެހައި އުފާވެވަޑައިގަންނަވާ ބޭފުޅުން ސީދާ އެމަނިކުފާނަށް މެސެޖު ނުކުރައްވަނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.

"ދެން ހަމަ އަޅުގަނޑަށް ޓްވީޓުތައް އެބަ ފެނޭ، އަބްދުއްރަހީމް މުއިއްޒުއަށް ޝުކުރު އެބަ އަދާ ކުރައްވާ، ރައީސް [ޔާމީން] މިނިވަންވެގެން ދެއްތޯ؟ ދެން އަޅުގަނޑުގެ ވާހަކައަކީ އެބޭފުޅުން އެހައި އުފާ އެވަނީ އަޅުގަނޑު މިނިވަންވެގެން ކަމަށް ވަންޏާ ކީއްވެގެންބާ އެއިން ބޭފުޅަކަށް އެ ވާހަކަ އަޅުގަނޑު ކައިރީ ބުނެލަން ނުކެރިގެން އެއުޅެނީ؟," ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ ދެން އެމީހުން އެމީހުންނަށް ޝުކުރު އަދާ ކުރޭ، އެއީ މައްސަލައެއް ނޫން، އެމީހުން ޝުކުރު އަދާ ކުރޭ، އެކަމަކު އަޅުގަނޑު އިނގޭތޯ، މި ލުއި ލިބުނު މީހާ، އަޅުގަނޑެއް ގަބޫލެއް ނުކުރަން އެބޭފުޅުންގެ އިހުސާންތެރިކަމެއް މިކަމުގައި އޮތް ކަމަކަށް."

ރައީސް ޔާމީނު މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިއްޔެ ހައި ކޯޓުން ބާތިލު ކުރުމުން އެކަމުގެ ޝުކުރު ރައީސް މުއިއްޒުއަށް ސަރުކާރުގެ ބައެއް އިސްވެރިން އަދާ ކުރައްވަމުންދާއިރު، ޔާމީނުގެ މައްސަލައިގައި ހުކުމް އިއްޔެ އިއްވީ އެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް ނިމިފައި އޮންނަތާ ތިން މަސްދުވަސް ފާއިތުވީ ފަހުންނެވެ.

އެ މައްސަލަ އިއްޔެއަށް ތާވަލު ކުރީ، އިދިކޮޅު އެމްޑީޕީގެ ނުފޫޒުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެކަމަށް ފާޑު ވެސް ވިދާޅުވި އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ޔާމީނުގެ މައްސަލަ ލަސްވަމުންދާ ދިޔުމާ ގުޅިގެން އެކަން އަވަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް އެ މައްސަލަ ޖުޑީޝަލް ސާވިސަސް ކޮމިޝަނަށް ހުށަހަޅައިފައި ވަނިކޮށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޖޭއެސްސީއަށް އެމްޑީޕީން ނުފޫޒު ފޯރުވަމުންދާ ދިޔުން ކުށްވެރި ކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox