ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސަރުކާރުގެ ވެރިން 24 ގަޑިއިރު ވެސް އުޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ނުބާއްވާތާ މިއަދަށް އެއް މަސްދުވަސް ވެއްޖެ އެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މާޗް 17، ވަނަ ދުވަހު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ބައްދަލުވުމެއް ބާއްވާފައި ނުވަނީ ކީއްވެތޯ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލާ ސުވާލު ކުރި ނަަމަވެސް އޭނާގެ ޖަވާބެއް ނުލިބެ އެވެ.
ކެބިނެޓް ބައްދަލުވުންތައް ނުބާއްވާތާ މަހެއް ވީއިރު ރައީސާއި ވަޒީރުން ގެންދަވަނީ ގިނަ ރަށްތަކަކަށް ވަޑައިގެން ޕީއެންސީގެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. ރައީސްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުތަކުގެ ނަމުގައި އަތޮޅުތަކަށް ވަޑައިގެން ބާއްވަވާ ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓް ދޭން އެދި ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކުގައި ވެސް ރައީސާއި ވަޒީރުން ގެންދަވަނީ ބައިވެރިވަޑައިގަންނަވަމުންނެވެ.
ވަޒީޒުންގެ މަޖިލީހުގެ ބައްދަލުވުމެއް ނުބާއްވާތާ މިހާ ދުވަސް ވެފައި ވާއިރު ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ ރައްޔިތުންގެ ހާދިމެއް ކަމަށާއި އެމަނިކުފާނާއި ކެބިނެޓް ރެއާ ދުވާލު ވަރަށް ހީވާގި ކަމާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

" ރައްޔިތުން ނިންމަވާނީ، އަޅުގަނޑުގެ ޕަރފޯމަންސްވެސް އަދި ކެބިނެޓުގެ ޕަރފޯރމަންސްވެސް. އަޅުގަނޑު ބޭނުންވީ، ރެޔާއި ދުވާލު ވަރަށް ހީވާގިކަމާއެކީގައި، އަޅުގަނޑާ އެކީގައި މަސައްކަތްކުރަން ކެރޭނެ، ކެރޭ ޓީމެއް ނަގަން. ވީހާވެސް ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި، ރައްޔިތުންގެ މީހެއްގެ ގޮތުގައި ހުރެގެން މަސައްކަތް ކުރާނެ ހީވާގި ކެބިނެޓެއް ނަގަން، އަޅުގަނޑު ފަޚުރުވެރިވޭ، އަޅުގަނޑުގެ ކެބިނެޓާ ދޭތެރޭގައި،" ޑިސެމްބަރު 5، 2023، ގައި ވާހަކަ ދައްކަވަމުން ރައީސް އޭރު ވިދާޅުވި އެވެ.













