ފެކްޓު ޗެކް: ރައީސް މުއިއްޒު ބޭނުންވި ބަޖެޓު މަޖިލީހުން ނުދޭތަ؟

ދައުލަތުގެ ބަޖެޓު ފޮތް 2024: މި އަހަރަށް ފާސްކުރީ 45.8 ބިިލިއަން ރުފިޔާގެ ބަޖެޓެއް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދައުލަތުގެ ބަޖެޓު ފޮތް 2024: މި އަހަރަށް ފާސްކުރީ 45.8 ބިިލިއަން ރުފިޔާގެ ބަޖެޓެއް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މި ސަރުކާރުގެ އިންތިގާލީ މަރުހަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ހުށަހެޅުއްވި ގޮތަށް މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ދޫކޮށްފައި ނުވާ ކަމަށް ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި އެ މަނިކުފާނު ގެންދެވީ ވިދާޅުވަމުންނެވެ.

އޭޕްރީލް 8، 2024 ގައި ހޯރަފުށީގައި ބޭއްވި ޕީއެންސީގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިންތިގާލީ މަރުހަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް މަޖިލީހުން ފާސްކޮށް ނުދިނީ، ބަޖެޓުގައި ހިމެނި މަޝްރޫއުތައް ހުއްޓުވުމުގެ ގޮތުން ކަމަށެވެ.

އިންތިހާބީ އަހަރުގައި ހުށަހަޅާ ބަޖެޓަކީ އާ ސަރުކާރެއް އަތުވެއްޖެ ނަމަ އެ ސަރުކާރެއްގެ ފުރަތަމަ ބަޖެޓެވެ. އިންތިހާބު އާންމުކޮށް ބާއްވަނީ ސެޕްޓެމްބަރު މަހުގައި ކަމަށް ވުމާއެކު، އާ ސަރުކާރެއް ކަށަވަރުވުމުގެ ކުރިން އާ އަހަރުގެ ބަޖެޓު އަކުލަވާލުމުގެ މަސައްކަތް މާލިއްޔަތު ގާނޫނުގައިވާ ގޮތުން ފަށަ އެވެ. އެ އުސޫލުން މި އަހަރުގެ ބަޖެޓުގެ މަސައްކަތް އެމްޑީޕީގެ ސަރުކާރުން ވެސް ދިޔައީ ކުރަމުންނެވެ.

ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު، މި އަހަރުގެ ބަޖެޓަށް ގެންނަވަން ބޭނުންވާ ބަދަލުތައް ހުށަހެޅުއްވުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން އާ ސަރުކާރަށް ދިނެވެ. އެކަމުގެ މަޝްވަރާތަކަށް ހަތް މެންބަރުންގެ ކޮމިޓީއެއް ރައީސް މުއިއްޒު އެކުލަވައިލެއްވި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ، އިންތިގާލީ މަރުހަލާގައި ވިދާޅުވެފައި ވަނީ 2024 ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

ރައީސް މުއިއްޒުގެ ފަރާތުން އޭރު ބަޖެޓަށް އިތުރުކުރަން ހުށަހެޅި ފުރަތަމަ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ 200 މިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނާފައިވެ އެވެ. އެ 200 މިލިއަން ރުފިޔާގެ ތެރޭގައި ރައީސް މުއިއްޒުގެ ވައުދެއް ކަމުގައިވާ ހިޔާ ފްލެޓުގައި އިތުރު ލިފްޓު ހަރުކުރަން ބޭނުންވާ ފައިސާ އާއި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ބޭނުންވާ ފައިސާ ހިމެނެ އެވެ.

މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ފައިސާގެ ތެރޭގައި އަވަހަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ހުޅުމާލެ، ގިރާވަރު، ގުޅިފަޅުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް 200 މިލިއަން ރުފިޔާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ އާއި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުއަށް 286 މިލިއަން ރުފިޔާ ވެސް ވެސް ހިމެނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަދި ރައީސް މުއިއްޒު ވެސް ވައުދުވެވަޑައިގެންނެވި ގޮތަށް އިޖުތިމާއި ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާބަންކޯ) އަށް 177.4 މިލިއަން ރުފިޔާ ދިނުމަށް ވެސް ބަޖެޓުގައި ހިމެނި އެވެ.

ރައީސް މުއިއްޒުގެ މުހިއްމު ވައުދެއްކަމުގައިވާ ރިސާޗު ފަންޑު އުފައްދަން 10 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި އަލަށް ހިމެނި އެވެ.

ސިފައިންނާއި ފުލުހުންނަށް މުސާރަ ބޮޑުކޮށް ދެވުނީ ބަޖެޓުގައި އެކަމަށް ބޭނުންވާނެ ފައިސާ ކަނޑައަޅާފައި ހުރެގެންނެވެ.

ފިނޭންސް މިނިސްޓްރީގެ ކޮންޓިންޖެންސީ ބަޖެޓުގައި ފައިސާ ބަހައްޓަނީ ކުއްލިއަކަށް ޖެހޭ ކަމަކަށް ހޭދަކުރުމަށް ކަމަށް ވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހުރެއްގެ ގޮތުގައި ފާހަގަކުރާ ޑްރޯން ގެނެވުނީ އެ ކޯޑުގައި ފައިސާ ހުރުމުންނެވެ. ނަމަވެސް އެކަމަށް ހޭދަކުރި ފައިސާއެއް ހާމައެއް ނުކުރެ އެވެ. އަދި ހިޔާ ފްލެޓުގައި ލިފްޓު ހަރުކުރުމާއި، އީދު ފާހަގަ ކުރުމަށް ބޮކި ގަތުމަށް ވެސް ފައިސާ ހިމެނި އެވެ.

ބަޖެޓުން އުނިކުރި ކަންކަމަށް ބަލައިލާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް މަޝްރޫތަކުގެ ތެރެއިން ހަތް މަޝްރޫއުއެއް ހިމެނެ އެވެ. އޭގެ ތެރޭގައި މި ސަރުކާރުން ހުށަހެޅި މަޝްރޫއުއެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އެކަންޏެވެ. އެއީ ޖުމުލަ 400 މިލިއަން ރުފިޔާ އެވެ.

އެ ފައިސާ އުނިކޮށް އޭގެތެރެއިން 200 މިލިއަން ރުފިޔާ ހިމެނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރަން ފެށި ގުޅިފަޅާއި ގިރާވަރު އަދި ހުޅުމާލެއިން ގޯތި ދިން ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށެވެ. ބާކީ 200 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ބަލައިލީ އެވެ.

ސަރުކާރުން ހުށަހަޅާ ބަޖެޓަށް އުނިއިތުރު ގެނައުމަކީ މީގެ ކުރިން ވެސް މަޖިލީހުން ކޮށްފައިވާ ކަމެކެވެ.

މި އަހަރުގެ ބަޖެޓު އެކުލަވާލީ ސަރުކާރު ބޭނުންވި ގޮތަށް ނޫން ކަމަށް ވިދާޅުވިޔަސް، އިންތިހާބީ އަހަރެއްގައި އެކުލަވާލި ބަޖެޓަކަށް ވެފައި، މި ސަރުކާރުން ބޭނުންވި މައިގަނޑު ބަދަލުތައް ބަޖެޓަށް ގެނެސްފައިވާކަން ފާހަގަ ކުރެވެ އެވެ. މި ސަރުކާރުން ބޭނުންވި ބޮޑު ކަމަކަށް ބަޖެޓުން އުނިކޮށްލީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އެކަންޏެވެ.

ފައިސާގެ ތާށިކަމުގައި ބޭނުންވާ މިންވަރަށް މަޝްރޫއުތައް ކުރިއަށް ނުގެންދެވުމަކީ ބަޖެޓު ކުރެވިފައި ނެތުމެއް ނޫނެވެ. ބަޖެޓު ނުދިނުމެއް ވެސް ނޫނެވެ. މިކަން ކަށަވަރު ވަނީ ކުރިން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ވާހަކައިންނެވެ.

"[ފައިސާ] ނުލިބިއްޖެ ހާލަތެއްގައި, މިހާރު ކުރިއަށްދާ ޕީއެސްއައިޕީގެ 1780 ޕްރޮޖެކްޓު އެބަހުރި. އަދި އަލަށް ފަށަން 317 ޕްރޮޖެކްޓު. މިހާރު ވެސް އެ ޕްރޮޖެކްޓުތައް ރިވިއު ކުރަން ފަށާފައިވާނީ. އޭގެތެރެއިން ހާލަތަށް ބަލާފައި އެންމެ މުހިންމު ޕްރޮޖެކްޓުތައް ކުރިއަށްދާނީ," ބަޖެޓު ދިރާސާކުރި ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވި އެވެ.

އެހެންވުމުން، ބަޖެޓު ނުދިނޭ ރައީސް މުއިއްޒު އެ ވިދާޅުވާ ވާހަކަ އަށް ބާރުދެނީ ހަމައެކަނި ފުށިދިއްގަރުފަޅުގެ ފައިސާ އުނިކުރުން އެކަންޏެވެ. އެ މަޝްރޫއަށް ބަޖެޓުން ފައިސާ ނުދިނަސް، ސަރުކާރުން މަޝްރޫއު ފެށުމަށް ފަހު ދައުލަތުން ފައިސާ ފޮއްޗެއް ހަރަދުނުކޮށް އެ މަޝްރޫއު ހިންގާނެ ކަމަށް ބުންޏެވެ. އެކަމަކު އެ މަޝްރޫއު ވެސް އޮތީ މިހާރު ހުއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox