އޭސީސީއިން ބަލަމުންދާ ރައީސް މުއިއްޒުގެ މައްސަލަތަކުގެ ތަފުސީލު ދޭން އިތުރު ވަގުތަށް އެދެފި

އޭސީސީގެ ރައީސް ޝާމިލް : އޭސީސީއިން ބަލަމުންދާ ރައީސް މުއިއްޒުގެ މައްސަލަތަކުގެ ތަފުސީލުދޭން އިތުރު މުއްދަތަށް އެދިއްޖެ - ފޮޓޯ: އަދަދު

އޭސީސީގެ ރައީސް ޝާމިލް : އޭސީސީއިން ބަލަމުންދާ ރައީސް މުއިއްޒުގެ މައްސަލަތަކުގެ ތަފުސީލުދޭން އިތުރު މުއްދަތަށް އެދިއްޖެ - ފޮޓޯ: އަދަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަތަކުގެ އަދަދާއި ތަފުސީލު ދޭން އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެސީސީއިން ބަލަމުންދާ ރައީސް މުއިއްޒުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ އަދަދާއި ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ހުށަހެޅީ މިދިޔަ މަހުގެ ފަހު ކޮޅެވެ.

ޖަވާބުގައި އޭސީސީއިން ބުނީ އެކަމުގެ ތަފުސީލު ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި އެގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ 21 ދުވަހުގެ އިތުރަށް 14 ދުވަހުގެ މުއްދަތެއް އިތުރުކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ 20 އަށްވުރެ ގިނަ މައްސަލަ އޭސީސީއިން ބަލަމުންދާ ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެގޮތުން 2022 ގައި އޭސީސީއިން މައުލޫމާތު ދިން ގޮތުގައި އޭރު މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮތުގައި ހުންނެވި ރައީސް މުއިއްޒުގެ ހަ މައްސަލައެއް އޭރު ބަލަމުންދިޔަ ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

ފެބްރުއަރީ 13، 2022، ގައި އޭސީސީއިން އާންމު ފަރާތަކަށް ދީފައިވާ ޖަވާބުގައި ބުނެފައިވާ ގޮތުން، އޭރު ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވެއިރުގެ ގިނަ މައްސަލަތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިޔާ ފުލެޓު ލިސްޓާ ބެހޭ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

އެގޮތުން ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏާ ހަވާލުކުރެއްވި ކަމަށް ބުނާ މައްސަލައަކާއި ފުލެޓު ލިސްޓުގައި އޮޅުވާލުން ހިންގެވި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލައެއް ވެސް ހިމެނެ އެވެ.

އޭރު އެ ހުރިހާ މައްސަލައެއް ވެސް ދިޔައީ ތަހުގީގުކުރަމުން ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ބޭރު ކުންފުނިތަކަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ވެސް މި ނޫހުން ވާނީ މިދިޔަ އަހަރުގެ ތެރޭ ފެންމަތިކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އޭސީސީއިން ބަލަމުންދާ ކަމެއް މިހާތަނަށް ސާފެއްނުވެ އެވެ.

އެ މައްސަލާގައި ރައީސް މުއިއްޒުގެ ފަރާތުން އޭރު ވިދާޅުވީ ބޭރު ކުންފުންޏަކުން އެކައުންޓަށް ޖަމާވީ އެމަނިކުފާނުގެ ރޯހައުސްއެއް ކުއްޔަށް ދީގެން ލިބެންޖެހޭ ފައިސާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox