ގަލޮޅު އުތުރު ދާއިރާގެ ޕީއެންސީ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށް އެ ޕާޓީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރާ މުހައްމަދު އަފްތާބު (އާޕް) އަށް ތާއީދު ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިކަން އެނގިއްޖެ އެވެ.
އެކަމުގެ މައުލޫމާތު އެނގޭ، އާޕްއާ ވަރަށް ގާތް މީހަކު "އަދަދު" އަށް ބުނީ އާޕްއަށް ކުރި ތާއީދު އަނބުރާ ގެންގޮސް މިހާރު ރައީސް މުއިއްޒު ތާއީދު ކުރައްވަން ނިންމަވާފައި، ވަނީ ޕްރައިމަރީގައި ބަލިވުމުން، މިހާރު އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އާމިނަތު މިޔާދާ (އާނަ) އަށް ކަމަށެވެ.
"ފުރަތަމަ ވެސް ތާއީދެއް ރައީސް ނުކުރެއްވި [އާޕް] އަށް، އެކަމަކު ލީޑަޝިޕާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެކަން، ގުޅުން ރަނގަޅުވި، އެހެން ނަމަވެސް މިހާރު އަނެއްކާވެސް ރައީސް ނިންމާފައި ވަނީ އާޕްއަށް ތާއީދު ނުކޮށް އާނައަށް ތާއީދުކުރަން،" އެ މީހާ ބުންޏެވެ.
ޕީއެންސީ ޕްރައިމަރީގައި އާނައަށް ލިބުނީ އެންމެ 30 ވޯޓެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އަމިއްލަ ގޮތުން ވާދަކުރާ އާނައަށް ރައީސް މުއިއްޒު ތާއީދު ކުރެއްވުމަށް ނިންމަވާފައި ވާއިރު، ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވެސް އާނަ ބައިވެރިވި އެވެ. މާލެ ސަރަހައްދުގެ ހުރިހާ ކެންޑިޑޭޓުން ބައިވެރިވި އެ ޖަލްސާގައި ޕީއެންސީ ޓިކެޓުގައި ގަލޮޅު އުތުރަށް ވާދަކުރާ އާޕް ބައިވެރިއެއް ނުވެ އެވެ.

އޭގެ އިތުރުން އިއްޔެ ހުޅުމާލޭގައި ބެހެއްޓި މާލެ ދާއިރާގެ ހުރިހާ މެންބަރުންގެ ފޮޓޯޖެހި ބިލްބޯޑުގައި ވެސް އާޕްގެ ފޮޓޯއެއް ނެތެވެ.
ޕްރައިމަރީން ޕާޓީގެ ޓިކެޓު ކާމިޔާބު ކޮށްގެން ތިބި ނަމަވެސް އެ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓަކަށް ސަރުކާރުން ތާއީދު ކުރުމުން ޕީއެންސީގެ ކެންޑިޑޭޓު ފަހަތަށް ޖެހުމަށް ރައީސް ވަނީ މީގެ ކުރިން އެދިވަޑައިގަންނަވައިފަ އެވެ.
އެ އެދިވަޑައިގަތުމާ ހިލާފަށް ފަހަތަށް ޖެހުމަށް ދެކޮޅު ހަދާ ކެންޑިޑޭޓުން ދޫކޮށްލުމަށްފަހު ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓު ހޮވައިދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެންގެ މެންބަރުންގެ ކިބައިން ވެސް އަޅުގަނޑުމެން އެދެން މިކަމުގައި އިސްކޮށް އުޅޭ ބޭފުޅުން ދޫ ނުދީ މިކަމުގައި ކުރިއަށް ދަންޏާ އެ ބޭފުޅުން ދޫކޮށްލައްވާފައި ތިބޭފުޅުން ސަރުކާރާ އެކީގައި އެއް ސަފަކަށް އަރައިގެން ކުރިއަށް ވަޑައިގަންނަވާށޭ،".
ޕީއެންސީގެ ކެންޑިޑޭޓުން ތިއްބައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ރައީސް ތާއީދު ކުރައްވާއިރު، ޕީއެންސީގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް އެ ޕާޓީ މެންބަރުންގެ ވާޖިބުތައް ބަޔާންކޮށްފައިވެ އެވެ.
titledesc
އެ ޕާޓީގެ ޓިކެޓުގައި އާންމު އިންތިހާބުތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދައިދިނުމާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ޕީއެންސީގެ އާންމު މެންބަރުންނަށް އަސާސީ ގަވާއިދުން ވާޖިބު ކޮށްފައި އޮތްއިރު، އަސާސީ ގަވާއިދާ ހިލާފުވާ ފަަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތް ވެސް އެ ގަވާއިދުގައި އޮވެ އެވެ.
އެގޮތުން ޕާޓީން ސުލޫކީ ފިޔަވަޅު އެޅޭނެ ކަންތައްތަކުގެ ތެރޭގައި އަސާސީ ގަވާއިދުގައި މެންބަރުންގެ ވާޖިބުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން އަދާކުރަން އުޒުރުވެރިވުން ހިމަނާފައިވެ އެވެ.
titledesc
އެގޮތުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި
- އިންޒާރުދިނުން
- އިންތިހާބީ މަގާމެއްގައި ހުރި މެންބަރެއްނަމަ. އެ މަގާމަކުން ސަސްޕެންޑު ކުރުން
- ޕާޓީގެ އިންތިހާބީ މަގާމުތަކަށް ވަކި މުއްދަކަށް ކުރިމަތިނުލެވޭ ގޮތަށް ހަމަޖެއްސުން
- ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑު ކުރުން
- ޕާޓީން ވަކިކުރުން
- އެ ފިޔަވަޅުތަކުގެ އިތުރުން ސުލޫކީ އެހެން ފިޔަވަޅެއް އެޅުމުގެ ބާރު ވެސް މެންބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީއަށް ލިބިގެންވާ ކަމަށް އަސާސީ ގަވާއިދުގައި ލިޔެފައިވެ އެވެ.
އަސާސީ ގަވާއިދުގައި ޕާޓީގެ އިސް ލީޑަރެއް، އާންމު މެންބަރެއް ތަފާތުކޮށްފައެއް ނުވެ އެވެ.













