ނިމިދިޔަ ސަރުކާރުގެ ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ގުޅީފަޅާއި ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންތަކެއް މި ސަރުކާރުން ހަދާފައިވާތީ، ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީތަކެއް ސަރުކާރުން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓުތައް ކައިރި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް އަނެއްކާ ވެސް ވައުދުވެވަޑައިގަތީ ގޯތި ލިބުނު އެންމެންނަށް ގޯތުތައް ހަވާލު ކުރައްވާނެ ކަމަށެވެ. ނަމަވެސް ގޯތިތައް ހުރި ތަންތަން މިހާރު ހުންނާނީ ބަދަލުވެފައި ކަމަށް ރައީސް ވިދާޅުވި އެވެ.
"[އާ ލޭންޑް ޔޫސް ޕްލޭންއާއެކީ] ކޯޑިނޭޓްސް ބަދަލުވާނެ، އެހެންވީމާ އަޅުގަނޑުމެން އާ ރަޖިސްޓްރީއެއް ދޭނަން. އެކަމަކު ޔަގީންކަމަކީ، 100 ޕަސެންޓު ޔަގީންކަމަކީ އަޅުގަނޑު ވައުދުވި ގޮތަށް އެބޭފުޅަކަށް ލިބުން ތާކުން އެބޭފުޅަކަށް ގޯތި އަޅުގަނޑުމެން ހަވާލު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުރީ ގުޅީފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭންތައް ކުރީގެ ސަރުކާރުން ހެދީ ކުޑަކުއްޖެއް ހަދާފައި އޮންނާނެ ގޮތަށް ކަމަށެވެ.

"ލޭންޑް ޔޫސް ޕްލޭން އެބޭފުޅުން ހެއްދެވީ ވަރަށް މޮޅަށް. އެލްކޭޖީ ކުއްޖެއް އަތަށް ޗާޓެއް ދީފަ، ގަނޑެއްގައި މިހެން ކުރަހާލާށޭ، ގޮޅިޖަހާލާށޭ ބުނީމަ ޖަހާ ގޮތަށް ލޭންޑް ޔޫސް ޕްލޭން ހަދާލީ. މަގެއް ނެތް، ސްކޫލެއް ނެތް، ހޮސްޕިޓަލެއް ނެތް، އެއްވެސް އެއްޗެއް ނެތް. ސްލަމްއެއް [ހެދީ]،" އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން، ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ވެސް ދޫކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ވިދާޅުވި ނަމަވެސް ފްލެޓު ލިބުނު މީހުންގެ ތެރެއިން ގިނައީ ޝަރުތު ހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. ގޯތިތައް ދޫކުރި ގޮތުގެ މައްސަލައެއް ވެސް މިހާރު ބަލަމުންދާ ކަމަށް އެ ކޮމިޝަނުން އޮތީ ބުނެފަ އެވެ.
ގުޅީފަޅާއި ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންތައް ހެދުމަށްފަހު ހައުސިން މިނިސްޓްރީން ވަނީ ގޯތި ލިބުނު މީހުންނަށް ބައްދަލުވުމަކަށް ގޮވާލައިފަ އެވެ. ގޯތިތައް ރިލޮކޭޓު ވާނެ ތަންތަން އަދި ސަރުކާރުން ކަނޑައެއްނާޅަ އެވެ.
ކުރީގެ ސަރުކާރުން ނިންމީ ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތު ދިނުމަށެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.












