މަޖިލިސް ޕްރައިމަރީގައި ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު އެ ޕާޓީގެ ތިކެޓު ލިބުނު ކެންޑިޑޭޓުންނަށް ތާއީދުނުކޮށް ހަމަ އެ ދާއިރާތަކަށް ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވައި އެ ކެންޑިޑޭޓުން ހޮވައިދިނުމަށް މަސައްކަތް ކުރުމަށް ގޮވައިލެއްވުމަކީ ހުދުމުހުތާރު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ޕީއެންސީ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ މަޖިލިސް ކެމްޕޭނު ތަރުޖަމާނު ކޮންމެ ދުވަހަކު ވެސް ބާއްވަމުން އަންނަ، ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓު ބާކީކޮށް އެހެން ކެންޑިޑޭޓުންނަށް ރައީސް ތާއީދު ކުރި ކުރުމާ ގުޅޭގޮތުން "އަދަދު" ނޫހުގެ ނޫސްވެރިޔާ ކުރި ސުވާލުގެ ޖަވާބުގައި ހީނާ ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ވިސްނުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ އެކުގައި ކަމަށެވެ.
"އެއީކީ ހުދުމުހުތާރު ކަމެއް ކަމަށް އަޅުގަނޑުމެން ނުދެކެން، އަޅުގަނޑުމެން ކުރަން މިއުޅެނީ ސިޔާސީ މަސައްކަތެއް އަދި ސިޔާސީ މަސައްކަތް ކުރުމުގައި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި މަޖިލީހުގެ ގޮނޑިތައް ވިން [ކާމިޔާބު] ކުރުމުގައި ސިޔާސީ ޕާޓީތަކުން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންދާނެ،" އޭނާ ވިދާޅުވި އެވެ.
ހީނާ އެހެން ވިދާޅުވިއިރު، ޕްރައިމަރީއެއްގައި ޕާޓީއެއްގެ އެތައް މެންބަރުންނެއް ވޯޓު ދީގެން ހޮވާފައި ތިބި ކެންޑިޑޭޓުން ބާކީކޮށް އެހެން މެންބަރުންނަށް ރައީސް ތާއީދު ކުރުމާ ގުޅިގެން ބައެއް ދާއިރާތަކުގައި ވަނީ ހިޔާލުތަފާތުވުން އުފެދި މައްސަލަ ބޮޑުވެފަ އެވެ.
އެގޮތުން ތިމަރަފުށީ ދާއިރާގައި ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ނަން ހުށަހެޅި އަހުމަދު ރިޔާޒަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އަހުމަދު ރިޔާޒުއަކީ އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ރިޔާޒުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރި މީހެއް ވެސް ނޫނެވެ.

އޭގެ އިތުރުން ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުންނަށް ވެސް ރައީސް ވަނީ ތާއިދުކޮށް މަޖިލިސް އިންތިހާބަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނެރެފަ އެވެ. އޭގެ ތެރޭގައި ގއ. ވިލިނގިލި ދާއިރާގެ މަޖިލިސް ޕްރައިމަރީން ބަލިބި، އާޒިމް އަބްދުލްއަޒީޒާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕްރައިމަރީން ބަލިވި އައިމަން މުހައްމަދާއި ހުރާ ދާއިރާގެ ޕްރައިމަރީން ބަލިވި ކުރީގެ މަޖިލިސް މެންބަރު، އަނާރާ ނައީމް ހިމެނެ އެވެ. މި ހުރިހާ ދާއިރާއެއްގައި ޕީއެންސީގެ ކެންޑިޑޭޓުން ތިބެ އެވެ.
އަދި މިފަހުން އެމްޑީޕީން ޕީއެންސީއަށް ބަދަލުވި މެންބަރުންގެ ތެރެއިން ވެސް ދެ މެންބަރަކަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވައިފަ އެވެ. އެގޮތުން މަތިވެރި ދާއިރާގެ މެންބަރު ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމުގެ ކެމްޕޭނުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، އެ ދެ ދާއިރާގައި ވެސް ޕީއެންސީގެ ޓިކެޓު ދީފައި ތިބި ކެންޑިޑޭޓުން އެބަތިއްބެވެ.
އެ ކަންތައްތަކާ ގުޅިގެން ޕީއެންސީ ތެރޭގައި ބައިބައިވުން އުފެދި މައްސަލަ ބޮޑުވެފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ރޭ އިއުތިރާފުވެވަޑައިގެންފަ އެވެ.
ލ. ގަމު ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ޔޫސުފް ނަޝީދުގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަން ރަވާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މަޖިލިސް އިންތިހާބު ކަމިޔާބު ކުރުން ވަރަށް މުހިންމު ކަމަށާއި އެކަން ކުރެވޭނީ ޕީއެންސީ/ޕީޕީއެމްގެ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
"އަމިއްލަ މަސްލަހަތު އެއްފަރާތް ކޮށްފައި އަޅުގަނޑު ތާއީދުކުރާ، އަޅުގަނޑުމެން ތާއީދުކުރާ، ސަރުކާރުން އެދޭ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމުގައި އަޅުގަނޑުމެންގެ ޕީޕީއެމް/ޕީއެންސީގެ ކިބައިން ވެސް އަޅުގަނޑު އެދެނީ އެގޮތަށް މަސައްކަތް ކޮށްދިނުމަށް، މި ވާހަކަ މި ދަންނަވަނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް، އަޅުގަނޑުމެންގެ ޕާޓީތަކުގެ މެންބަރުންގެ ކިބައިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުން ވަކި މެންބަރަކަށް ތާއީދު ކުރީމާ ވެސް ނުވަތަ ޕްރައިމަރީގެ ނަތީޖާ ނުކުތް ގޮތެއްގެ ސަބަބުން ވެސް ބައެއް ދާއިރާތަކުގައި ޕީއެންސީގެ ދެ ކެންޑިޑޭޓުން ތިބިކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަން އެގޮތަށް ކުރަމުން ދަނީ އެ ބައެއްގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ގޮތް ދޫނުކޮށް މަސައްކަތް ކުރަމުންދާނަމަ ފައިދާ ވާނީ އިދިކޮޅު ޕާޓީތަކަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.












