ސަރުކާރު ހިންގާ ޕީއެންސީއަށް ކެމްޕެއިން ކުރުމަކީ މާތް މަސައްކަތެއް ކަމަށާއި ރޯދަ މަހުގެ ފަހު 10 ގައި ކެމްޕެއިނުގެ މަސައްކަތުގައި މެންބަރުން އުޅޭތީ އުފާ ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މި މަހު 21 ގައި ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެެންސީގެ ފަރާތުން ގަމު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ތާއިދު ހޯދަން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ރޯދަ މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ވެސް އެޕާޓީގެ މެންބަރުން ކެމްޕެއިނުގައި އުޅޭތީ އުފާކުރައްވާ ކަމަށެވެ. އެއީ "މާތް، މުހިންމު މަސައްކަތެއް" ކަމަށް އެ މަނިކުފާނު ސިފަކުރެއްވި އެވެ.
"މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ މި އޮނަހިރި ރޭ، ތިޔަ ބޭފުޅުން އަޅުކަމުގެ ތެރޭގައި މަސްއޫލުވެ އުޅެމުން ވެސް މި މުހިންމު, ހަމަ އެހާމެ މާތް މުހިންމު މަސައްކަތުގައި އުޅުއްވުމަކީ އަޅުގަނޑު ވަރަށް އުފާ ކުރާ ކަމެއް. އަޅުގަނޑުމެންނަށް ޖެހިފައި މިވަނީ ރަމަޟާން މަހެއް ކަމަކު، ފަހު ދިހައެއް ކަމަކު، އޮނަހިރި ރެއެއް ނަމަވެސް މަސަައްކަތް ކުރަން ޖެހިފައި، ގައުމަށްޓަކައި، ދީނުގެ ހައްގުގައި،" ރައީސް ވިދާޅުވި އެވެ.
އެއީ ދީނަށް ޓަކައި ކުރަން ޖެހޭ މަސައްކަތެއް ކަމަށް ސިފަކުރައްވާ ސަބަބަކަށް ރައީސް ދެއްކެވީ މޯލްޑިވެސް ޑިމޮކްރަސީ ނެޓްވޯކް (އެެމްޑީއެން) ގެ ނަމުގައި ކުރިން ހިންގި ޖަމިއްޔާއަކުން ނެރުނު ރިޕޯޓެއްގައި ދީނަށް ފުރައްސާރަ ކުރި މައްސަލަ އެވެ. އެ ރިޕޯޓުގެ މައްސަލައިގައި އެމްޑީއެން ހުވައިލަން އެމްޑީޕީ ސަރުކާރުން ނިންމި އެވެ.
ރައީސް މުއިއްޒު ސިފަކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ރާއްޖޭގެ ވެރިކަން ދޭން ނިންމި ނިންމުން ފުރިހަމަ ވާނީ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް ދީގެންނެވެ. ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުވުން ރައީސް އަބަދު ވެސް ސިފަކުރައްވަމުން ގެންދަވަނީ ގައުމު ސަލާމަތްކުރަން ނިންމި ނިންމުމެއް ކަމަށެވެ.

ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދު ކުރީ ރޭ އަޅުކަން ކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.
ރަމަޟާން މަހުގައި އަންނަ މާތް ރެއެއް ކަމަށްވާ ލައިލަތުލް ގަދުރި ވިލޭރެއަށް ވާނީ ފަހު 10 ގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއް ކަމަށް، ރަސޫލުﷲ ޟައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސަކުން އެނގެ އެވެ.
ރޯދަ މަހުގެ ފަހު 10 ބަންދުކުރަން ވައުުދުވީ އަޅުކަމަށް ފަސޭހަކުރަން
ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގަ އެވެ.
އެމަނިކުފާނު އޭރު ވިދާޅުވީ އެ ދުވަސްތައް ބަންދުކުރުމުގެ ބޭނުމަކީ އެ ދުވަސްތަކުގައި ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަން މީހުންނަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑު ގަސްތުކުރަނީ ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ އެއްކޮށް ސަރުކާރު ބަންދު 10 ދުވަސް ކަމުގައި ކަނޑައަޅަން، އޭރުން ރައްޔިތުންނަށް ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވޭނެ،" މުއިއްޒު އޭރު ވިދާޅުވި އެވެ.













