ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ތިބި ބައެއް ދާއިރާތަކަށް އަމިއްލަގޮތުން ނުކުމެ ތިބި ކެންޑިޑޭޓުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރެއްވުމަކީ ޕީއެންސީގެ އަސާސީ ގަވާއިދާ ހިލާފަށް ކުރައްވާ ކަަަމަކަށް ވިޔަސް އެގޮތަށް އެމަނިކުފާނު އަމަލު ކުރެއްވުމަކީ އަސާސީ ގަވާއިދާ ހިލާފުވުން ކަމަށް ގަބޫލު ނުކުރާކަމަށް ޕީއެންސީ މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ކެމްޕޭނުގެ އެންމެފަހުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރަން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ދެ ޕާޓީ ލީޑަރުންގެ މަޝްވަރާއާ އެކުގައި ކަމަށާއި މަޖިލިސް އިންތިހާބަކީ ޕީއެންސީއަށް ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ ރައީސުލްޖުމްހޫރިއްޔާ ތިޔަ ވިދާޅުވި ފަދަ ގޮތަކަށް [އަސާސީ ގަވާއިދާ] ހިލާފުވެވަޑައިގެންނެވި ކަމަކަށް،. އަސާސީ ގަވާއިދާ ހިލާފުވެގެން މިހައިތަނަށް އެއްވެސް ފަރާތަކުން އެއްވެސް ކަހަލަ ޝާކުވާއެއް އަޅުގަނޑުމެންނަށް ހުށަހަޅައިފައެއް ނެތް، އަދި އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ނެތް އަސާސީ ގަވާއިދާ ހިލާފުވެފައި އޮތް ކަމަށް،" ހީނާ ވިދާޅުވި އެވެ.
"ނޫން އަސާސީ ގަވާއިދާ ހިލާފަކަށް ނޫން އެ މަނިކުފާނު އަމަލު ކުރެއްވީ،"
ހީނާ އެހެން ވިދާޅުވި ނަމަވެސް ޕީއެންސީގެ އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް އެ ޕާޓީ މެންބަރުންގެ ވާޖިބުތައް ބަޔާންކޮށްފައިވެ އެވެ.

titledesc
އެ ޕާޓީގެ ޓިކެޓުގައި އާންމު އިންތިހާބުތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދައިދިނުމާއި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން ޕީއެންސީގެ އާންމު މެންބަރުންނަށް އަސާސީ ގަވާއިދުން ވާޖިބު ކޮށްފައި އޮތްއިރު، އަސާސީ ގަވާއިދާ ހިލާފުވާ ފަަރާތްތަކަށް ފިޔަވަޅު އެޅޭނެ ގޮތް ވެސް އެ ގަވާއިދުގައި އޮވެ އެވެ.
އެގޮތުން ޕާޓީން ސުލޫކީ ފިޔަވަޅު އެޅޭނެ ކަންތައްތަކުގެ ތެރޭގައި އަސާސީ ގަވާއިދުގައި މެންބަރުންގެ ވާޖިބުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަން އަދާކުރަން އުޒުރުވެރިވުން ހިމަނާފައިވެ އެވެ.
titledesc
އެގޮތުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި
- އިންޒާރުދިނުން
- އިންތިހާބީ މަގާމެއްގައި ހުރި މެންބަރެއްނަމަ. އެ މަގާމަކުން ސަސްޕެންޑު ކުރުން
- ޕާޓީގެ އިންތިހާބީ މަގާމުތަކަށް ވަކި މުއްދަކަށް ކުރިމަތިނުލެވޭ ގޮތަށް ހަމަޖެއްސުން
- ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑު ކުރުން
- ޕާޓީން ވަކިކުރުން
އެ ފިޔަވަޅުތަކުގެ އިތުރުން ސުލޫކީ އެހެން ފިޔަވަޅެއް އެޅުމުގެ ބާރު ވެސް މެންބަރުންގެ ކަންތައްތައް ބަލަހައްޓާ ކޮމެޓީއަށް ލިބިގެންވާ ކަމަށް އަސާސީ ގަވާއިދުގައި ލިޔެފައިވެ އެވެ.
އަސާސީ ގަވާއިދުގައި ޕާޓީގެ އިސް ލީޑަރެއް، އާންމު މެންބަރެއް ތަފާތުކޮށްފައެއް ނުވެ އެވެ.












