ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެދު ހެންވޭރު ދާއިރާގެ ގެތަކަށް ވަޑައިގެން ހިންގެވި ކެމްޕޭން ހަރަކާތުގެ ތެރެއިން އެ ދާއިރާގެ ރައްޔިތުން ނުރުހުން ފާޅުކޮށް ދެއްކީ މުޅިން ވެސް ދޮގު ވާހަކަ ކަމަށް ވިދާޅުވެ އެ ރައްޔިތުންނަށް ރައީސް ޖަވާބު ދެއްވައިފި އެވެ.
ރައީސްގެ ކެމްޕޭނު ހަރަކާތުގެ ތެރެއިން ބަޔަކު ނުރުހުން ފާޅުކުރީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަ ކުރުމަށް ނަން ހުށަހެޅި ހަސަން ޝިޔާމްއަށް އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ވެސް ޕީއެންސީން ކަންކުރަމުން އައިސްފައިވާ ގޮތުން ކަމަށް އެ މީހުން ބުނެފައިވެ އެވެ.
"މިހިރަ ލަވްލީ [ޕީއެންސީގެ ކެންޑިޑޭޓު] އެއް ނޫން މަސައްކަތް ކުރީ، ހަސަން ޝިޔާމު ނަގައިދިނީ ހަތަރު ފޮށި، އެކަމަކު ޑރ. މުއިއްޒު ކިހިނެއްތޯ ހަސަން ޝިޔާމަށް ތިޔަ ކަންތައް ކުރެއްވީ،" ރައީސްގެ އަރިހަށް ގޮސް ހިތްހަމަނުޖެހުން ފާޅު ކުރި އައިޝަތު އުޝާމާ ބުންޏެވެ.
އޭނާގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް ވާހަކަ ދައްކަވާ ވީޑިއޯއެއް ސަރުކާރުގެ އޮފިޝަލުން ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުންނެވެ.
"އަޅުގަނޑާ ނިސްބަތްކޮށް ތި ވިދާޅުވީ ހަމަ ހުސްދޮގު، ހުސްދޮގު" އެ ވީޑިއޯގައި ރައީސް ވިދާޅުވާ އަޑު އިވެ އެވެ.

ޕީއެންސީގެ ޓިކެޓުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް އެ ދާއިރާގައި ތާއީދު ނެތްކަން ފާހަގަކޮށް އުޝާމާ ވަނީ ދޮރުން ދޮރަށް ހިންގެވުމަށް ރައީސް މުއިއްޒު ވަޑައިގަތުމުން ވެސް އެ ދާއިރާ ރައްޔިތުން ނުކުމެފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.
އެއާއެކު އެ ސަރަހައްދަށް އެއްވެތިބި އެ ދާއިރާގެ ރައްޔިތުން ވަނީ ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދޭނެ ކަމަށް ބުނެ އަޑު އުފުލައިފަ އެވެ. ސީދާ ރައީސް މުއިއްޒުގެ ކުރިމަތީގައި ހުރެ، ވާހަކަ ދެއްކި އުސާމާ ބުނީ ރައީސް މުއިއްޒު ވެރިކަމަށް ހޮވަން މަސައްކަތް ކުރީ ވެސް އެމީހުން ކަމަށާއި ވެރިކަމަށް ރައީސް މުއިއްޒު ހޮވީ ވެސް ވަރަށް ލޯބިން ކަމަށެވެ.
"ތިބޭފުޅާއާ އެއްކޮށް އަޅުގަނޑުމެން ފޮޓޯ ނަގާފައި ލޯބިން އަޅުގަނޑުމެން ހޮވި ރައީސްއެކޭ ތިއީ، ވަރަށް ލޯބިން ހޮވާފައި ބޭންދި ރައީސްއެއް ތިއީ. އެކަމަކު އަޅުގަނޑުމެންގެ ދާއިރާގެ ހަސަން ޝިޔާމްއަށް [މަނިކުފާނު] ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް."
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް ނަން ހުށަހެޅި ހަސަން ޝިޔާމަށް އެ ދާއިރާއަށް ވާދަ ނުކުރެވޭ ގޮތަށް އެނާގެ ސާބިތު ދަރަންޏެއް އޮތްކަމަށް ނިންމައި ސުޕްރީމް ކޯޓުން ކުރި ހުކުމަކުންނެވެ.
އެ ހުކުމާއެކު ހަސަންގެ ކެންޑިޑެސީ ބާތިލުވުމުން އޭނާ ވަނީ އެ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓު، އިބްރާހިމް އަލީ ޖަލީލްއަށް ތާއީދު ކުރުމަށް ނިންމައިފަ އެވެ.












