ހެންވޭރު މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަ ކުރުމަށް ނަން ހުށަހެޅި ހަސަން ޝިޔާމްއަށް އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ވެސް ޕީއެންސީން ކަންކުރަމުން އައިގޮތުން ރައްޔިތުންގެ ހިތުގައި އުފެދިފައި އޮތް ހިތްހަމަނުޖެހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިފުޅުމައްޗަށް މިއަދު ރައްޔިތުން ނުކުމެ އޮއްސާލައިފި އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭނަށް ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން ރައީސްގެ އަރިހަށް ވަނީ އެ ދާއިރާގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެމަނިކުފާނު ކަން ކުރެއްވީ ރަނގަޅަށް ނޫން ކަމަށް ބުނެފަ އެވެ.
"މިހިރަ ލަވްލީ [ޕީއެންސީގެ ކެންޑިޑޭޓު] އެއް ނޫން މަސައްކަތް ކުރީ، ހަސަން ޝިޔާމު ނަގައިދިނީ ހަތަރު ފޮށި، އެކަމަކު ޑރ. މުއިއްޒު ކިހިނެއްތޯ ހަސަން ޝިޔާމަށް ތިޔަ ކަންތައް ކުރެއްވީ،" ރައީސްގެ އަރިހަށް ގޮސް ހިތްހަމަނުޖެހުން ފާޅު ކުރި އައިޝަތު އުސާމާ ބުންޏެވެ.
ޕީއެންސީގެ ޓިކެޓުގައި ހެންވޭރު މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް އެ ދާއިރާގައި ތާއީދު ނެތްކަން ފާހަގަކޮށް އުޝާމާ ވަނީ ދޮރުން ދޮރަށް ހިންގެވުމަށް ރައީސް މުއިއްޒު ވަޑައިގަތުމުން ވެސް އެ ދާއިރާ ރައްޔިތުން ނުކުމެފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.
އެއާއެކު އެ ސަރަހައްދަށް އެއްވެތިބި އެ ދާއިރާގެ ރައްޔިތުން ވަނީ ޕީއެންސީގެ ކެންޑިޑޭޓަށް ވޯޓު ނުދޭނެ ކަމަށް ބުނެ އަޑު އުފުލައިފަ އެވެ. ސީދާ ރައީސް މުއިއްޒުގެ ކުރިމަތީގައި ހުރެ، ވާހަކަ ދެއްކި އުސާމާ ބުނީ ރައީސް މުއިއްޒު ވެރިކަމަށް ހޮވަން މަސައްކަތް ކުރީ ވެސް އެމީހުން ކަމަށާއި ވެރިކަމަށް ރައީސް މުއިއްޒު ހޮވީ ވެސް ވަރަށް ލޯބިން ކަމަށެވެ.

"ތިބޭފުޅާއާ އެއްކޮށް އަޅުގަނޑުމެން ފޮޓޯ ނަގާފައި ލޯބިން އަޅުގަނޑުމެން ހޮވި ރައީސްއެކޭ ތިއީ، ވަރަށް ލޯބިން ހޮވާފައި ބޭންދި ރައީސްއެއް ތިއީ. އެކަމަކު އަޅުގަނޑުމެންގެ ދާއިރާގެ ހަސަން ޝިޔާމްއަށް [މަނިކުފާނު] ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް."
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރުމަށް ނަން ހުށަހެޅި ހަސަން ޝިޔާމަށް އެ ދާއިރާއަށް ވާދަ ނުކުރެވޭ ގޮތަށް އެނާގެ ސާބިތު ދަރަންޏެއް އޮތްކަމަށް ނިންމައި ސުޕްރީމް ކޯޓުން ކުރި ހުކުމަކުންނެވެ.
އެ ހުކުމާއެކު ހަސަންގެ ކެންޑިޑެސީ ބާތިލުވުމުން އޭނާ ވަނީ އެ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓު، އިބްރާހިމް އަލީ ޖަލީލްއަށް ތާއީދު ކުރުމަށް ނިންމައިފަ އެވެ.
ހަސަން ޝިޔާމްގެ މައްޗަށް އޮތް ކަމަށް ބުނާ ސާބިތު ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނެއް ދޫކުރި އެވެ. އަދި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ވެސް ދޫކުރި އެވެ.
އެ ދެ ލޯން ދެއްކުމުގެ ޔަގީންކަން ބޭންކަށް ދީފައިވަނީ، ހަސަން ޝިޔާމް ހިމެނޭހެން 11 މީހެކެވެ.
އެ ހުކުމަށް ފަހު ވެސް ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ޝިޔާމްގެ ފަރާތުން ވަނީ ރަހުނު ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒުކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅައިފަ އެވެ.
ސިވިލް ކޯޓުން އެ އަމުރު ނުދިނުމުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައި ކޯޓުން ސިވިލް ކޯޓުގެ ނިންމުން ދެމެހެއްޓި ނަމަވެސް މި ހިނދަށް ދަރަނި ދައްކަން ޖެހޭ މީހެއް ގޮތަށް ނުބެލުމަށް އޮތެވެ.













