ވުޖޫދުގައި ނެތް ރަށެއްގައި އެއާޕޯޓު އަޅަން ކަނޑައަޅައި ރައީސް އޮފީހުން ނެރުނު "ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައެޅި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު" އަދިވެސް އިސްލާހު ނުކުރާކަން އެނގިއްޖެ އެވެ.
ސަރުކާރުން އިތުރު ނުވަ ރަށެއްގައި އެއާޕޯޓު އަޅަން ނިންމައި ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތަކުގެ ގަރާރު އިސްލާހު ކުރުމަށް ފަހު އިއުލާނުކުރީ މާޗު 27، ގަ އެވެ.
އަލަށް އެއާޕޯޓު އަޅަން ނިންމި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ނ. ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދޫ ގަ އެވެ.
މީގެ ތެރޭގައި ހިމެނޭ "ގއ. މާޅެންދޫ"އަކީ ވުޖޫދުގައި ނެތް ރަށެއްކަން ގއ. އަތޮޅު ކައުންސިލުގެ ރައީސް އިބްރާހީމް ޝާހީން ވަނީ މި ނޫހަށް ޔަގީންކޮށްދެއްވާފަ އެވެ.
ވުޖޫދުގައި ނެތް ރަށެއްގައި އެއާޕޯޓު އަޅަން އިއުލާނުކުރުމާއެކު، މި ނޫހުން އެކަން ފާހަގަކޮށް ޖެހި ހަބަރާއި ގުޅިގެން އެއީ އިމްލާ ކުށެއް ކަމުގައި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވަނީ ސޯޝަލް މީޑިއާގައި ވިދާޅުވެފަ އެވެ. ނަމަވެސް، އެއާޕޯޓު އަޅަން ކަނޑައެޅީ ގއ. އަތޮޅުގެ ކޮން ރަށެއްގައި ކަމެއް ނުބުންޏެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގއ. މާރަންދޫ ގައި އެއާޕޯޓެއް އެޅުމުގެ ވާހަކަ ޑުބާއީ ގައި އޮތް އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ދެކެވުނެވެ.
ނަމަވެސް، އެ ރަށް އޮތީ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމުގައިވާ މާރެންދޫ އިންވެސްޓްމެންޓަށް ދޫކޮށްފަ އެވެ. އެ ރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 30 ޕަސެންޓު ނިމިފައިވީ ނަމަވެސް، ކޮވިޑަށްފަހު އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.













