ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ކޮންމެ މީހަކު ވެސް ވާހަކަ ދައްކަންޖެހޭނީ ތެދު ބަހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގައި ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު ރައީސް ތުހުމަތު ކުރެއްވީ އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލައި، ދޮގު ހަދަމުންދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އަބަދުވެސް ވާހަކަ ދައްކަވާނީ ތެދު ބަހުން ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވާހަކަ ދައްކަވާއިރު ތެދުބަހުން ވާހަކަ ދައްކަވަންޖެހޭނީ ކޮންމެ ބޭފުޅަކު ވެސް. އޮޅުވާލެވިދާނެ، ދޮގު ހެދިދާނެ. އެކަމަކު އޮޅުވާނުލެވޭނެ ފަރާތެއްވާކަން އަބަދުވެސް ގަބޫލުފުޅު ކުރައްވަންޖެހޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވާހަކަ ދައްކާނީ ތެދުބަހުން، އިހުލާސްތެރިވާނެ."
ރައީސް ވިދާޅުވީ ދޮގު ހަދާ މީހުން ﷲ އަށް ބިރުވެތިވާންޖެހޭ ކަމަށާއި އެމީހުންގެ އަމިއްލަ ނަފުސުތަކަށް އެމީހުން ތެދުވެރިވާންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ޒިންމާދާރުވާން. އަޅުގަނޑުމެން އަމިއްލަ ނަފުސަށް ތެދުވެރިވާން އެބަޖެހޭ. އަޅުގަނޑުމެން އަމިއްލަ ނަފުސަށް ތެދުވެރިވެ، އަޅުގަނޑުމެންގެ ގައުމަށް އިހުލާސްތެރިވާންޖެހޭ. ﷲ އަށް ބިރުވެތިވާން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ދޮގު ހަދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ބައެއް ވައުދުތައް އޮޅުވާލާފައިވާ ކަމަށް މީހުން ދަނީ ބުނަމުންނެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ ވައުދު ވަރަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
ރައީސް މުއިއްޒު ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ. ސަރުކާރަށް ފުރުސަތު ދިން ވަރަކަށް ހަދާނީ ދޮގު ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
"މި ސަރުކާރު ވެރިކަމަށް އަންނަންވެގެން ރައްޔިތުންނަށް ދެއްކި ހުވަފެނާއި ހެދި ދޮގުތަކާއި އޮޅުވާލި އޮޅުވާލުންތައް މިއަދު ރައްޔިތުންނަށް އެބަ ފެނޭ، ހާމަވަމުން އެބަދޭ، އަޅުގަނޑު މިކުރާ ދަތުރުތަކުން ވެސް އިވެނީ ހަމަ އެ އަޑުތައް، ރައްޔިތުންގެ މަޖިލީހަކީ އަޅުގަނޑު މިދެންނެވިހެން މި ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި މަސައްކަތް ކުރެވެން އޮތް އެންމެ މުހިންމު ތަން،" ސޯލިހު ވިދާޅުވެފައިވެ އެވެ.












