ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަންނަ މަޖިލިސް އިންތިހާބުގެ މައްޗަންގޯޅި މެދު ދާއިރާގެ ޓިކެޓު ހަވާލުކޮށްފައިވާ ކެންޑިޑޭޓަކު ހުއްޓައި، އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ޒަމީރުގެ ކެމްޕެއިން އިވެންޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަން އިއުލާނުކޮށްފި އެވެ.
އަހުމަދު ޒަމީރަކީ، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރެވެ. ރައީސް މުއިއްޒު، މާލޭގެ މޭޔަރުގެ މަގާމު އަދާކުރެއްވި ދުވަސްވަރު އެކުގައި މަސައްކަތްތަކެއް ކުރެއްވި އެވެ. ކުރިން އެމްޑީޕީގައި ހުންނެވި ޒަމީރު ވަނީ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ތާއީދުކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
ޕީއެންސީގެ އެތެރޭގެ ޕްރައިމަރީގައި ވެސް ޒަމީރު ވާދަކުރެއްވި އެވެ. ޒަމީރަށް ލިބިވަޑައިގަތީ 127 ވޯޓެވެ. ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓު، މުހައްމަދު އަބްދުލްޣާދިރު (ކުކޫ) އަށް 174 ވޯޓު ލިބުނެވެ. ރައީސް މުއިއްޒު ސޮއިކުރައްވައި، ޕީއެންސީގެ ޓިކެޓު ވެސް ކުކޫއަށް ވަނީ ދީފަ އެވެ.
ނަމަވެސް މީގެ ކުރިން ވެސް ރައީސްގެ ތާއީދު އޮތީ ޒަމީރަށް ކަމަށް އަޑު ފެތުރިފައިވެ އެވެ. މިއަދު ޕީއެންސީގެ ރަސްމީ މީޑިއާ ވަޓްސް އެޕް ގްރޫޕަށް ފޮނުވި ދައުވަތު ކާޑުގެ ފޮޓޮއެއްގައި ލިޔެފައިވަނީ މިރޭ ބާއްވާ ޒަމީރުގެ ކެމްޕެއިން އިވެންޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
"އަޅުގަނޑުގެ ކެމްޕެއިން ޖަގަހަ އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަށް މައްޗަންގޯޅި މެދު ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވަން، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،" ދައުވަތު ކާޑުގައި ލިޔެފައިވެ އެވެ.

ބައެއް ދާއިރާތަކުގެ ޕީއެންސީގެ ކެންޑިޑޭޓަކު ހުރި ނަމަވެސް އަމިއްލަ ގޮތުން ވާދަކުރާ ބައެއް ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުން، އެއީ ރައީސް މުއިއްޒުގެ ތާއީދު އޮތް ކެންޑިޑޭޓުންނެވެ.
އޭގެ ތެރޭގައި ޒަމީރު ގޮތަށް ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން ވެސް ހިމެނެ އެވެ. އެ ގޮތުން ވިލިނގިލި ދާއިރާގެ ޕްރައިމަރީން ބަލިވި އާޒިމް އަބްދުލްއަޒީޒު، ކުޅުދުއްފުށި ދެކުނު ދާއިރާއިން ބަލިވި އައިމަން މުހައްމަދާއި، ހުރާ ދާއިރާއިން ބަލިވި، ކުރީގެ މެންބަރު އަނާރާ ނައީމް ހިމެނެ އެވެ.
ތިމަރަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ، އަދި މިހާރު އެ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒުގެ ކެމްޕެއިނުގައި ވެސް ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ ޕީއެންސީގެ ޕްރައިމަރީގައި ވެސް ބައިވެރިވި ކެންޑިޑޭޓެއް ނޫނެވެ.
މީގެ އިތުރުން 19 ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެ ފަހުން ޕީއެންސީއަށް ގުޅިވަޑައިގެންނެވި ދެ މެންބަރަކަށް ވެސް ސަރުކާރުން ކެމްޕެއިން ކޮށްދެ އެވެ. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމްގެ ކެމްޕެއިނުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވާއިރު އެ ދެ ދާއިރާގައި ވެސް ޕީއެންސީގެ ޓިކެޓު ދީފައިވާ ކެންޑިޑޭޓަކު އެބަ ތިއްބެވެ.













